ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް ހަރުކަށި ކުރުމާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ މިއަދު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާ ދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމުގެ ގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

"ރާއްޖޭގައި ކޮވިޑުގެ އަދަދުތައް އިންތިހާއަށް މަތިވަމުން ދިއުމީ ކަންބޮޑުވާ ކަމެއް. ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އަދިވެސް އިލްތިމާސްކުރަން. ބަލި ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް. ހަރުދަނާ ކުރުމަށް މިއަދު އެބަ މަޝްވަރާކުރަން،" ރައީސް ވިދާޅުވި އެވެ.

ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ވަނީ ރިކޯޑް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އިއްޔެގެ ޕޮޒިޓިވް ނަންބަރު އުޅެނީ 508 ގަ އެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުން 276 މީހުން އަދި އަތޮޅުތަކުން 222 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

ކޭސްތައް ފެނުން އިތުރުވާތީ އަންނަ އަންގާރަ ދުވަހުން ފެށިގެން އެއް ރަށުން އަނެއް ރަށަށް ދަތުކުރުން އެޗްޕީއޭ އިން ވަނީ މަނާކޮށްފަ އެވެ.