ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން މަރުވި މީހުންގެ އަދަދު 82 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު މެންދުރު 2:46 ހާއިރު ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 81 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވާ ކަމަށެވެ.

އެ އެޖެންސީން ބުނީ މީގެ އިތުރުން މިއަދު ހެނދުނު 7:50 ހާއިރު ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 37 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށެވެ. އެމީހާ އަކީ ކ. މާފުށީ އައިސޮލޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުން ދިޔަ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

ރޭ ދަންވަރު 3:47 ހާއިރު ވެސް ވަނީ ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ ފިރިހެނަކު ވެސް ވަނީ މަރުވެފަ އެވެ.

ކޮވިޑް ބަލީގައި އިއްޔެ ރާއްޖެ އިން ވަނީ ފަސް މީހަކު މަރުވެފައިވާއިރު އެއީ ރާއްޖޭގައި އެންމެ ގިނައިން އެ ބަލީގައި މީހުން މަރުވި ދުވަހެ އެވެ.

ކޮވިޑް ހާލަތު ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް ގޮސްފައިވާއިރު ކޮވިޑް ޖެހޭ މީހުންގެ އަދަދު ވެސް އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. އެޑްމިޑްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ.