މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ރޭ އުޅުނު ފުލުސް އޮފިސަރު، ސީނިއާ ސާޖަންޓް އަހުމަދު އާސިފްގެ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އޭނާއަށް މިއަދު މަގާމުގެ ކުރިއެރުން ދީފި އެވެ.
އުމުރުން 33 އަހަރުގެ އާސިފްގެ ހަށިގަނޑު ފެނުނީ ރޭ ދަންވަރު އއ. އަތޮޅުގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިގެން ހޯދަނިކޮށެވެ. މިކަން އެނގުމާ އެކު އޭނާ ހޯދުމުގެ މަސައްކަތުގެ ތެރެއިން ފެނުނީ އެ ފުލުސް މީހާ މޫދު އަޑީގައި އޮއްވައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އާސިފް ނިޔާވީ ރަސްމީ ވާޖިބު އަދާކުރަމުން ދަނިކޮށްކަން ފާހަގަކޮށް އޭނާ ވަކިވެދިއުމަކީ މުއައްސަސާއަށާއި ގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށް ބުނެފަ އެވެ.
އަދި އެ މަގާމުގެ ކުރިއެރުމަކީ މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އާސިފް އަދާކުރި އިހުލާސްތެރި ދައުރާއި، ކުރި މަތިވެރި ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން ޝަރަފެއްކަން ފުލުހުން ފާހަގަކުރި އެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުގައި އާސިފް ދެއްކި ނަމޫނާއާއި ކޮށްދިން އަގުހުރި ހިދުމަތްތަކުގެ ހަނދާންތައް އަބަދުވެސް އާކުރާނީ ނުހަނު އިހުތިރާމާއެކުގައި ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
އާސިފަކީ ހިމަންދޫގައި މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަން ހިންގަން މާލެ އިން ދިޔަ ފުލުހުންގެ ހާއްސަ ޓީމުގައި ހިމެނުނު ފުލުހެކެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ޒުވާން ކޮށްދޭ ބޭސް ފުރަތަމަ ފަހަރަށް އިންސާނެއްގެ ގަޔަށް!
އެމެރިކާގެ 18 އަމާޒަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް