ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީގައި ރޭ ނުވަ މީހުންނާ އެކު ކުޅުނު ގަތަރު އަތުން 6-0 އިން މޮޅުވެ، ވޯލްޑް ކަޕްގައި ފުރަތަމަ މޮޅު ހޯދައި މުބާރާތުގެ އެއް ހޯސްޓް ކަަމަށްވާ ކެނެޑާ ދެވަނަ ބުރާ ގާތަށް ޖެހިލައިފަ އެވެ.

ތާރީހީ މޮޅެއް ކެނެޑާއިން ހޯދި ނަމަވެސް، މި މެޗުގައި އެ ޓީމުގެ އިސްމާއިލް ކޯނޭއަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ކެނެޑާ އުފާވެރި ކަމަށް ވަނީ ހިޔަނި އެޅިފަ އެވެ.

މި މެޗުގައި ކެނެޑާގެ ފޯވަޑް ޖޮނަތަން ޑޭވިޑް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އެ ޓީމަށް ދެން ލަނޑު ޖަހައިދިނީ ކައިލް ލާރިން އަދި ނޭތަން ސަލީބާ އެވެ. މި މެޗުގެ ކެނެޑާއިން ޖެހި ހަތަރު ވަނަ ލަނޑަކީ ގަތަރުގެ މުހައްމަދު މަނާއީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މިއީ 1930 ވަނަ އަހަރުގެ ފަހުން ނޯތު، ސެންޓްރަލް އެމެރިކަން އަދި ކެރީބިއަން ސަރަހައްދުގެ ފުޓްބޯޅަ ޖަމިއްޔާއަށް ނިސްބަތްވާ ގައުމެއްގެ ކުޅުންތެރިއެއް ވޯލްޑް ކަޕްގައި ހެޓްރިކެއް ހެދި ފުރަތަމަ ފަހަރެވެ.

ކެނެޑާގެ ކޯނޭއަށް ގަތަރުގެ އާސިމް މަޑީބޯ ކުރި ފައުލަކާ ގުޅިގެން އޭނާއަށް ސީރިއަސް އަނިޔާއެއް ކުރިމަތިވީ މެޗުގެ 51 ވަނަ މިނިޓުގަ އެވެ. މި އަނިޔާއާ ގުޅިގެން ކޯނޭއަށް ވަނީ ވަގުތު އަވަސް ފަރުވާ ދީ، ދަނޑުން ބާލައިފަ އެވެ.

މެޗުގެ ރެފްރީ އެންމެ ފުރަތަމަ މަޑީބޯއަށް ރީނދޫ ކާޑެއް ދެއްކި ނަމަަވެސް، ވީއޭއާރް ބެލުމަށްފަހު، މަޑީބޯއަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ.

މި މެޗުގެ 33 ވަނަ މިނިޓުގައި ގަތަރު ހޮމާމް އެލް އަމީނަށް ވެސް ރަތް ކާޑު ދައްކާފައި ވާތީ، ގަތަރު މެޗު ފުރިހަމަ ކުރީ ނުވަ ކުޅުންތެރިންނާ އެކު އެވެ.

ގަތަރު އަތުން މޮޅުވުމުން، ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރުމަށް ގުރޫޕް ބީގައި ކެނެޑާ ކުޅޭ ފަހު މެޗުގައި ސްވިޓްޒަލޭންޑް އަތުން އެ ޓީމު ބޭނުންވަނީ ޕޮއިންޓެކެވެ. ކެނެޑާ މިހާރު އޮތީ ހަތަރު ޕޮއިންޓާއެކު އެވެ.

މި ގުރޫޕްގައި ރޭ ބޮސްނިސާ އަތުން 4-1 އިން މޮޅުވެ، ސްވިޓްޒަލޭންޑް ވެސް ވަނީ ހަތަރު ޕޮއިންޓް ހަމަކޮށްފަ އެެވެ.

ބޮސްނިއާ އާއި ގަތަރަށް ދެ މެޗުން ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.