ދައުލަތުގެ ކުންފުންޏަކަށް ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދެވޭނީ ސަރުކާރުގެ މަދުވެގެން 45 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏަކަށް ކަމަށް ކަނޑައަޅައިފި އެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އަލަށް އެކުލަވާލައި އަމަލުކުރަން ފެށި މި ގަވާއިދަކީ ދައުލަތުގެ ކުންފުނިތަކުން ފަތުރުވެރިކަމުގެ ބޮޑެތި މަޝްރޫއުތައް ހިންގުމުގައި ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަންކަން ބެލެހެއްޓުމަށް އެޅި ހަރުދަނާ ފިޔަވަޅެއް ކަމަށް ސަރުކާރުން ބުންޏެވެ. މީގެ ކުރިން ދައުލަތުގެ ކުންފުނިތަކަށް ރަށްތައް ދޫކުރުމުގައި އަމަލުކުރާނެ ވަކި ހާއްސަ އުސޫލެއް ނެތް ނަމަވެސް، މި އާ ގަވާއިދާއެކު ކުންފުނިތަކުގެ މާލީ އަދި ފަންނީ ގާބިލުކަމަށް ބަލައި ވަކި ޝަރުތުތަކެއް މިވަނީ ތައާރަފުކޮށްފަ އެވެ.
މި އާ ނިޒާމުގެ ދަށުން ކުންފުންޏެއްގައި ސަރުކާރުގެ ހިއްސާ އޮންނަންޖެހޭ މިންވަރު ކަނޑައެޅުމުގެ އިތުރުން، އެ ތަނެއް ކުއްޔަށް ދޫކުރެވޭނީ ސީދާ ކެބިނެޓުން ފާސްކޮށްގެންނެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާތާ 14 ދުވަހުގެ ތެރޭގައި އެކަމުގެ ހުރިހާ ތަފްސީލެއް އޮޑިޓާ ޖެނަރަލްގެ އޮފީހަށާއި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ އެވެ. މީގެ އިތުރުން، ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމަށްޓަކައި ލީސް އިކުއިޒިޝަން ފީ ދެއްކުމާއި، ހަރަދުކުރާނެ ގޮތުގެ ތަފްސީލީ ޕްލޭނެއް ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅުން ވެސް މިހާރު ވަނީ ލާޒިމްކޮށްފަ އެވެ.
މި ބަދަލުގެ ސަބަބުން ރަށްރަށުގެ އިޖުތިމާއީ ތަރައްގީއަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފަ އެވެ. އެގޮތުން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ގެ ގޮތުގައި 500،000 ޑޮލަރު ޓޫރިޒަމް ޓްރަސްޓް ފަންޑަށް ޖަމާކުރަންޖެހޭނެ އެވެ. ނޫންނަމަ އެ އަދަދަށް ރަށްރަށުގައި ކުޅިވަރު ދަނޑުތަކާއި، އިޖުތިމާއީ މަރުކަޒުތައް ބިނާކުރުން ފަދަ ރައްޔިތުންނަށް ސީދާ ފައިދާކުރާނެ މަޝްރޫއުތައް ހިންގަން ޝަރުތުކުރެވޭނެ އެވެ.
މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސޯސްގެ ތެރޭގައި ހޮޓަލެއް ނުވަތަ ގެސްޓްހައުސްއެއް ތަރައްގީކުރާ ހާލަތްތަކުގައި ވެސް، އެ ބިމަކީ ރައީސުލްޖުމްހޫރިއްޔާ ހާއްސަކޮށް ފަތުރުވެރިކަމަށް ކަނޑައަޅުއްވާފައިވާ ތަނަކަށް ވާންޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. މި ހުރިހާ މުއާމަލާތެއް ވެސް ކުރިއަށްދާނީ ދިވެހި ސަރުކާރާއެކު ވެވޭ ރަސްމީ ގާނޫނީ އެއްބަސްވުމެއްގެ ދަށުންނެވެ.
މަކުނުދޫގެ އާރްޓީއެލް ދަތުރުތައް ކެންސަލްވާތާ ހަފްތާއެއް
"ކަނޑުއޮޅިން ދަތުރުކުރާއިރު ފީ ނަގާނީ ދާ ހިދުމަތަށް އެކަނި"
ހަނގުރާމަ ހުއްޓާލުމަށް ދެ ގައުމުގެ ރައީސުން ސޮއިކުރައްވައިފި