އަދަދު ނޫހުން އުފެއްދި ޑޮކިއުމެންޓަރީއަކާ ގުޅިގެން ނެރެފައިވާ ގެގް އޯޑަރު އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް، މީޑިއާގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ ހައްގު ދިފާއުކުރުމަށްޓަކައި ބާ ކައުންސިލުން މިއަދު ތަދައްހުލުވެއްޖެ އެވެ.

ބާ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައަށް ތަދައްހުލުވުމަށް ކޯޓަށް ހުށަހެޅީ ޑިއު ޕްރޮސެސް އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށެވެ. މީގެ އިތުރުން މީޑިއާގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދިފާއުގައި އެ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުންނެވެ. މި ގެގް އޯޑަރުގެ މައްސަލައިގައި، އެ އަމުރު ބާތިލުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ވެސް މީގެ ކުރިން ބާ ކައުންސިލުން ވަނީ އެދިފަ އެވެ.

މި ގެގް އޯޑަރު ބާތިލުކޮށްދިނުމަށް އެދި ފުރަތަމަ ހައި ކޯޓަށް މައްސަލަ ހުށަހެޅީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަންގެ ފަރާތުންނެވެ. ނަމަވެސް، އެ ޖަމިއްޔާއަށް އެ އަމުރު އިސްތިއުނާފު ކުރުމުގެ ގާނޫނީ ހައިސިއްޔަތު ނެތް ކަމަށް ކަނޑައަޅައި، ހައި ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.

މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަންގެ މައްސަލަ ބޭރުކޮށްލުމާ ގުޅިގެން، ފަހުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އެވެ. މިހާރު ކޯޓުގައި ކުރިއަށްދަނީ އޭނާ ހުށަހެޅުއްވި އިސްތިއުނާފުގެ މައްސަލަ އެވެ. ބާ ކައުންސިލުން ކޯޓަށް ހުށަހަޅާފައިވަނީ މި މައްސަލައިގެ ތެރެއަށް ވަނުމަށެވެ.