ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު، ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު މިއަހަރުގެ ތެރޭގައި އާންމުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުން ބޯހިޔާވަހިކަން ހޯދުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 58,505 ފޯމު ވަނީ ހުށަހަޅާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35,930 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22,575 ފޯމެވެ. މި ފޯމުތަކުގައިވާ މައުލޫމާތުތަކުގެ ސައްހަކަން ދައުލަތުގެ އެކި އިދާރާތަކުގައި ހުރި ރެކޯޑުތަކާ އަޅައިކިޔައިގެން ހައުސިންގ މިނިސްޓްރީން މިހާރު ދަނީ ކަށަވަރުކުރަމުންނެވެ. ކްރޮސް ވެރިފިކޭޝަންގެ މަސައްކަތްތައް ފަށާފައިވީ ނަމަވެސް، މި މަސައްކަތް އެއްކޮށް ނިންމާލެވޭނޭ ސީދާ ދުވަހެއް މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެންމެ އިސްކަމެއް ދެއްވަނީ އެއްވެސް މީހެއްގެ ނުފޫޒެއް ނެތި ފްލެޓާއި ގޯތި ލިބޭ މީހުން ކަނޑައެޅުމަށް ކަމަށެވެ. އަދި ކުރިން ވަކި ބަޔަކު ބޭނުންވެގެން ވަކި ބަޔަކަށް ގޯއްޗާއި ފްލެޓް ދިން ނަމަވެސް، މި ސަރުކާރުގައި އެކަން އެގޮތަށް ނުހިނގާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
މި ސަރުކާރުގައި ފްލެޓާއި ގޯތި ލިބޭނީ އެމީހަކަށް ހައްގުވާތީ ދޭ އެއްޗެއްގެ ގޮތުގައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ބަލަންޖެހޭ ހުރިހާ ކަމެއް ބެލުމަށްފަހު ފްލެޓް ލިބޭ މީހުންގެ ލިސްޓް މިއަހަރުގެ ތެރޭގައި ނެރުއްވާނެ ކަމަށާއި، އެކަންކަން ކުރާނެ ތާރީހުތައް އިއުލާންކުރައްވަމުން ގެންދަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ލިސްޓު ނެރޭ އިރުގައި އަޅުގަނޑުމެން އޭގައި ތަފްސީލުކޮށް ކަނޑައަޅާނަން މިސާލަކަށް ކޮން ފަރާތްތަކަށް ތަރުތީބަކާއި އެކީގައި. ކޮން ޕްރޮޖެކެޓެއްގެ ތެރެއިން ލިބޭ ފްލެޓްތަކެއް ތޯ. އެލަވެލަށްވެސް އަޅުގަނޑުމެން ބޭނުންވާ ތަފްސީލުތައްވެސް އިއުލާންކުރަން. ރައީސް މުއިއްޒު ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން ޖުމްލަ 7,900 ފްލެޓާއި 15,000 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފައެވެ. މީގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް ހާއްސަ 4,000 ފްލެޓާއި، މާލޭގައި ދިރިއުޅޭ ނަމަވެސް ރަށްވެހިވެފައި ނުވާ ފަރާތްތަކަށް 1,500 ފްލެޓާއި، އެހެނިހެން ހާއްސަ ކެޓަގަރީތަކަށް 2,400 ފްލެޓް ހިމެނެއެވެ. މީގެ އިތުރުން ރަސްމާލެއިން 25,000 ގޯތި ދޫކުރަން ނިންމާފައިވާއިރު، ފުރަތަމަ ބުރުގައި އެ ތަނުން 15,000 ގޯތި ދޫކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.
ޕީޖީން އަންގާ މައްސަލަތައް އަަވަސްކުރެވޭ ގޮތް އޭސީސީން ހަދައިފި
ހިމަބިހި ފެތުރޭތީ ވެކްސިން ޖަހަން ފަށައިފި
ދިރާގު ޖެހީ ލިބުނީގެ ޕެނަލްޓީ ޝޯޑައުން ކުޅެގެން އަގުހުރި އިނާމް
