ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް ބޮޑީ އެއާކްރާފްޓުގައި މިހާތަނަށް 67،000 ފަސިންޖަރުން އުފުލާފައިވާ ކަމަށާއި އޭގެ ދަތުރުތައް ވަރަށް ކާމިޔާބުކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ 16 މަސްދުވަހުގެ ތެރޭގައި އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި 55،000 ފަތުރުވެރިންގެ އިތުރުން ހައްޖާއި އުމުރާގެ އަޅުކަމަށް ދިޔަ ދިވެހިން ވެސް ހިމެނޭ ކަމަށެވެ.
މި ބޯޓުގެ އޮޕަރޭޝަންތައް މިހާރު ވަނީ ޗައިނާގެ ތިން މަންޒިލަކަށާއި، އިންޑިއާ، ބަންގްލަދޭޝް އަދި އޮސްޓްރޭލިއާއަށް ފުޅާކޮށްފަ އެވެ. ހާއްސަކޮށް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް އޮސްޓްރޭލިއާއަށް ފެށި ޝެޑިއުލް ދަތުރުތައް ވަރަށް ބޮޑު ލޯޑް ފެކްޓާއަކާއެކު ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ގައުމީ އެއާލައިންގައި މިފަދަ ބޯޓެއް އޮތުމަކީ ހަމައެކަނި ވިޔަފާރިއެއް ނޫން ކަމަށާއި، ދުނިޔެއަށް ދިމާވާ ބޮޑެތި ކާރިސާތަކުގައި ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމުގެ ބާރު އަމިއްލައަށް އޮތުމަކީ ގައުމީ ސަލާމަތާ ގުޅިފައިވާ މުހިންމު ކަމެއްގެ ގޮތުގައި އަމީން ސިފަކުރެއްވި އެވެ.
ނެދަލޭންޑްސްގެ ޓްރޫނޯޑު ކުންފުންޏާއެކު 2024 ވަނަ އަހަރުގެ ޖުލައި މަހުވީ އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ހިފި، ބިޒްނަސް ކްލާހާއި ޕްރިމިއަމް އިކޮނޮމީ ހިމެނޭ 264 ސީޓުގެ މި އެއާބަސް 330-200 މަރުކާގެ ބޯޓު ރާއްޖެ ގެނައީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ހަވަނަ ދުވަހު އެވެ.
އިމާރާތަކުން މީހުން ވެއްޓުނު މައްސަލާގައި ކުންފުނި ޖޫރިމަނާ
ޒުވާން އުމުރުގައި އިސްތަށި ނުރަވެ ހަނދާން ބަލި ވަނީތަ؟
މައުލޫމާތު ހާމަނުކޮށްގެން އެންމެ ގިނަ ޝަކުވާ އެޗްޑީސީއަށް