މެޗުގެ ފަހުކޮޅު އާލިން ބްރައުޓް ހާލާންޑް ޖެހި ގޯލާއެކު ފީފާ ވޯލްޑް ކަޕްގެ ގަދަ 32ގެ ބުރުގައި ރޭ އައިވަރީ ކޯސްޓް އަތުން 2-1 އިން މޮޅުވެ، ނޯވޭ މުބާރާތުގެ ގަދަ 16ގެ ބުރުން ޖާގަ ހޯދައިފި އެވެ.

އެމެރިކާގެ ޑަލަސްްގައި ކުޅުނު މެޗުގެ 39 ވަނަ މިނިޓުގައި ނޯވޭ އިން ލީޑު ނެގީ އެންޓޯނިއޯ ނޫސާ ޖެހި ލަނޑުންނެވެ.

އެކަަމަކު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އައިވަރީ ކޯސްޓްގެ އަމަދު ޑިއާލޯ ވަނީ މެޗުގެ 74 ވަނަ މިނިޓުގައި ތަފާތު ދައްކައި، މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެންޗެސްޓާ ޔުނައިޓަޑްގެ ޑިއާލޯ ވަނީ ކަނާތު ފަޅިން ނޯވޭގެ ޑިފެންސް ފޫއަޅުވަލައި، ދެ ޑިފެންޑަރުން ބީޓްކޮށްލުމަށްފަހު، ގޯލުގެ ތެރެއަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

މުޅި މެޗުގައި މާބޮޑު ތަފާތެއް ނުދެއްކުނު ނަމަވެސް، މެޗުގެ 86 ވަނަ މިނިޓުގައި މެޗުގެ ނަތީޖާ އަނބުރާލީ ފޯމުގައި ހުރި ނޯވޭގެ ތަރި ހާލާންޑެވެ. ޕެނަލްޓީ އޭރިޔާ ތެރެއަށް ނޯވޭގެ ޕެޓްރިކް ބާގް ހުރަސްކޮށްލި ބޯޅަ، ހާލާންޑް ވަނީ ގޯލުގެ ތެރެއަށް އަމާޒުކޮށްލައިފަ އެވެ.

މި ލަނޑާއެކު ހާލާންޑް ވަނީ ނޯވޭ އިން އެންމެ ފަހުން ކުޅުނު ވާދަވެރި 13 މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ. އަދި މިއީ މި އަހަރުގެ ވޯލްޑް ކަޕްގައި އޭނާ ޖެހި ފަސް ވަނަ ގޯލެވެ.

މުބާރާތުގެ ގަދަ 16ގެ ބުރުގައި ނޯވޭއާ ދެކޮޅަށް ނުކުންނާނީ ބްރެޒިލް އެވެ.