ހއ. ހޯރަފުށީ ހުޅަނގު ފަރާތު ފަރުމައްޗަށް މަރުވެފައި އޮތް ބޮޑުމަހެއް ލައްގައިފި އެވެ.

ހޯރަފުށީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، މިއަދުގެ ވަގުތެއްގައި ފެނުނު މި ބޮޑުމަހުގެ ދިގުމިނުގައި ގާތްގަނޑަކަށް 30 ފޫޓު ހުރި ކަމަށް ލަފާކުރެވެއެވެ. މި ބޮޑުމަސް ފެނުމާ ގުޅިގެން، ރަށު ކައުންސިލާއި ކަމާބެހޭ އެކި މުއައްސަސާތައް ގުޅިގެން ވަނީ އެ މަސް ނައްތާލުމުގެ މަސައްކަތް ވަގުތުން ފަށާފަ އެވެ.

މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހޯރަފުށީ ކައުންސިލާއި، ހޯރަފުށީ ޕޮލިސް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އިތުރުން އެމްޓީސީސީ ހޯރަފުށީ ސައިޓްގެ މުވައްޒަފުންނާއި މެޝިނަރީގެ އެހީތެރިކަމާއެކުގަ އެވެ.

ހއ. ހޯރަފުށީ ފަރުމައްޗަށް ލެއްގި ބޮޑުމަސް އެއްގަމަށް ގެންދިއުމުގެ މަސައްކަތް ކުރަނީ --- ފޮޓޯ: ހޯރަފުށީ ކައުންސިލް

ކައުންސިލުން ބުނި ގޮތުގައި، ފަރުމަތީގައި އޮތް ބޮޑުމަސް ގޮނޑުދޮށަށް ނެގުމަށްފަހު، މިހާރު ވަނީ ރައްކާތެރިކަމާއެކު ވަޅުލާފަ އެވެ.

މިފަދަ ބޮޑުމަސްތައް ރަށްރަށަށް ލެއްގުމަކީ ދޭތެރެއަކުން ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަ ކަމެކެވެ.