ކޮވިޑް ބަލީގައި ރާއްޖެއިން މިއަދު އިތުރު ތިން މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ މެންދަމުން އަލިވެ 2:24ގަ އާއި ހެނދުނު 6:30 ގައި ދިވެހި ދެ ފިރިހެނުން މަރުވެފައިވާ ކަމަށެވެ. އަދި މިއަދު 9:30ގައި ވަނީ އަންހެނަކު މަރުވެފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މި ތިން މީހުންގެ ތެރެއިން ފުރަތަމަ މަރުވި މީހާ އަކީ އުމުރުން 64 އަހަރުގެ މީހެކެވެ. ދެން މަރުވީ 86 އަހަރުގެ މީހެކެވެ. އެންމެ ފަހުން މަރުވީ 86 އަހަރުގެ އަންހެނެކެވެ.

މި ބަލީގައި ރާއްޖޭން މިހާތަނަށް މަރުވި މީހުންގެ އަދަދު 90 އަށް އަރައިފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު ދުވާލަކު ކޮވިޑް ބަލިޖެހޭ މީހުންގެ އަދަދު އުޅެނީ 800އިން މަތީގަ އެވެ.

މި ބަލީގައި ހާލު ބޮޑުވާ މީހުންގެ އަދަދު ވެސް އިތުރުވެ، ހޮސްޕިޓަލްތަކަށް ވަނީ ބާރު ބޮޑުވެފައިވާ ކަމަށާއި މިހާރު ވެސް 250 އަށް ވުރެ ގިނަ މީހުންނަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ކަމަށް އެޗްޕީއޭއިން ބުނެ އެވެ.