ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައި އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާ ލިބުނުކަމުގެ ތުހުމަތުވާ މީހުންގެ ނަންތައް ހިމެނޭ ލިސްޓު އާންމު ކުރީ، ހެކިތަކެއްގެ މައްޗަށް ރިޔާސީ ކޮމިޝަނުން އެ ލިސްޓު އެކުލަވާލާފައި އޮތުމުން ކަމަށް އެ ލިސްޓު ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އިންނަވާ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ހިސާން ވިދާޅުވީ، ހިނގަމުންދާ ތަހުގީގެއްގައި ތުހުމަތުވާ ފަރާތްތަކުގެ ނަންތައް ހާމަކުރުމުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި އަދި ރާއްޖޭގައި ބަލާ މިންގަނޑުތަކެއް އޮންނައިރު އެންމެ އަސާސީ މިންގަނޑަކީ ވެސް ތަހުގީގަށް ހުރަސް ނޭޅޭ ނަމަ ތުހުމަތުވާ ބައެއްގެ ނަންތައް ހާމަކުރުން ކަމަށެވެ

ރިޔާސީ ކޮމިޝަނުން އެކުލަވާލާފައިވާ ހިޔާނާތުގެ ލިސްޓު މަޖިލިސްއާ ހިއްސާކުރީ މި މަހުގެ ހަވަނަ ދުވަހު އެވެ. އެ ލިސްޓު މަޖިލީހުން ދިރާސާކުރީ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ވެސް ހިމެނޭހެން އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޓީއަކުންނެވެ. ލިސްޓު ދިރާސާކުރުމަށް ފަހު، މިދިޔަ ބުދަ ދުވަހު މަޖިލީހުން ވަނީ އެ ލިސްޓު އާންމުކޮށްފަ އެވެ.

ދިފާއުވާނެ ފުރުސަތުތަކެއް ލިސްޓުގައި ހިމެނޭ މީހުނަށް ނުދީ އެ ލިސްޓުު އާއްމުކުރުމާއެކު ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެފަދަ ލިސްޓެއް އާންމުކޮށްލުމަކީ ގާނޫނާ ހިލާފު ކަމެއްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ސިފަކުރެއްވި އެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ، ލިސްޓު އާންމު ކުރުމާއި ނުކުރުމާ ގުޅޭ ގޮތުން ވެސް މަޖިލީހުގެ ކޮމިޓީން މަޝްވަރާ ކުރެއްވި ކަމަށެވެ، އަދި އޭރު އާންމު ނުކުރުމާ ގުޅޭ ގޮތުން ބައެއް މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން، ލިސްޓު އާންމު ކުރުމަށް އާންމު ރައްޔިތުންގެ އުފެދުނު ޝައުގުވެރިކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ޕަބްލިކް އިންޓްރެސްޓްގަ އަޅުގަނޑުމެން ނަންތައް ހާމަކޮށްފަ ވަނީ،" ހިސާން ވިދާޅުވި އެވެ.

ހޔާނާތުގެ ތުހުމަތު އޮތް މީހުންގެ ލިސްޓު އާންމު ކުރަން ނިންމީ ބަލަން ޖެހޭ އިތުރު މިންގަނޑުތައް ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގޮތުން ތުހުމަތު ކޮށްފައި ވަނީ އެކަށޭނަ ހެކި އޮތުމުންކަން ޔަގީން ކުރެވުނު ކަމަށް ހިސާން ވިދާޅުވި އެވެ.

ލިސްޓުގައި ނަން ހިމެނޭ މީހުން ގިނަ މީހުން ދަނީ ހިޔާނާތުގައި ބައިވެރިވުމެއް އޮތްކަމަށް އިންކާރުކުރަމުންނެވެ. ލިސްޓުގައި ނަން ހިމެނޭ ފަރާތްތަކުގެ ތެރެއިން މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުތަކުން ދުރުވުމަށް ވެސް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.