ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައި އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާ ލިބުނު ކަމަށް ތުހުމަތުކުރާ 40 ފަރާތެއްގެ މައްސަލަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުށައަޅާފައިވާ ކަމަށާއި ނަމަވެސް މި ސަރުކާރުން އެ މައްސަލަތައް އަނބުރާ ގެނެސްފައިވާ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

މެމްބަރު އުޝާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭރު ހަދާފައިވާ އޮޑިޓް ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް ހިޔާނާތުގެ ފައިސާ ބޭނުންކުރި ކަމަށް ޝައްކު ކުރެވޭ ފަރާތްތަކާ ގުޅޭ 40 ވަރަކަށް މައްސަލަ ރައީސް ޔާމީންގެ ސަރުކާރުން ސިވިލް ކޯޓަށް ހުށަހެޅި ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމަށް އައިތާ 3-4 މަސްތެރޭ ދިރާސާ ކުރުމަށް ކަމަށް ބުނެ ގިނަ މައްސަލަތައް އަނބުރާ ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އުޝާމް ވިދާޅުވީ މިމައްސަލަތައް ބަލާ ގެއްލުނު ފައިސާ މިސަރުކާރަށް ހޯދޭނެ ކަމާމެދު ޝައްކުވާ ކަމަށެވެ. އަދި ހިޔާނާތުގައި ބައިވެރިވެފައިވާ މީހުންގެ ލިސްޓެއް މަޖިލީހުން އާންމުކޮށްފައިވާއިރު އެފަރާތްތަކާ ސުވާލު ވެސް ކޮށްފައި ނުވާތީ ކޮމިޝަނުންކުރާ ތަހުގީގާ ދޭތެރޭގައި ވެސް ޝައްކު ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެންޖެހޭ 1.2 ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ހޯދުމަށް ރައީސް ޔާމީންގެ ސަރުކާރުން 39 ފަރާތަކާއި ދެކޮޅަށް މަދަނީ މައްސަލަތައް ހުށަހެޅި އެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެ ދެ މަސް ވެސް ނުވަނީސް، ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އެ މައްސަލަތައް އަނބުރާ ގެންގޮސްފަ އެވެ.

މި މައްސަލަތައް އަލުން ދިރާސާ ކުރުމަށް ފަހު ވަރަށް އަވަހަށް ކޯޓަށް ދައުވާކުރުމަށް ފޮނުވާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވީ ނަމަވެސް ދެ އަހަރު ވެގެން ދިޔައިރު ވެސް އެންމެ މައްސަލައެއް ވެސް އަލުން ކޯޓަށް ހުށަހަޅާފައިނުވެ އެވެ.