ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން މިމަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ފޮޓޯތަކެއް މިއަދު އާއްމުކޮށްފި އެވެ.
ޓުވިޓާގައި މި ފޮޓޯތައް އާންމު ކުރެއްވީ ނަޝީދުގެ އެއްބަނޑު އެއްބަފާ ބޭބެ ޑރ. އިބްރާހީމް ނާޝިދު އެވެ.
އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ފުން ޒަހަމްތަކުގެ ވަރަށް ތަފުސީލް ފޮޓޯތަކެއް މަޖިލީހުގެ އިދާރާއިން ވެސް ވަނީ އާއްމުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ފޮޓޯތައް އާއްމުކުރެއްވީ އެ މަނިކުފާނުގެ އިޒުނަފުޅާއެކު ކަމަށެވެ.
ސައިކަލެއްގައި ބޮން ގޮއްވާލައިގެން ނަޝީދަށް ހަމަލާދިނީ މީގެ ހަފުތާއެއްހާ ދުވަސްކުރިންނެވެ. އެ ހަމަލާއާ އެކު އެމަނިކުފާނު ބިންމައްޗަށް ވެއްޓިވަޑައިގަތީ ސީރިއަސް ޒަހަމްތަކަކާ އެކުގަ އެވެ. އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ހާލު ކްރިޓިކަލް އެވެ.
އޭޑީކޭގެ ޑޮކްޓަރުން ވިދާޅުވި ގޮތުގައި ސީރިއަސް ސާޖަރީތަކުން އެމަނިކުފާނުގެ ފުރާނަ ސަލާމަތްކުރެވުނީ ހަމަ ކިރިޔާ އެވެ.
އެމްއެންޑީއެފްގެ މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައިވާ ގޮތުގައި ނަޝީދުގެ ފުރާނައަށް ނުރައްކާ ކުރަން ގޮއްވާލި އައިއީޑީގައި ރޭޒާ ފުއްތައް ބޭނުންކޮށްފައި ވަނީ ގެއްލުން ބޮޑުކުރާށެވެ.
ރާއްޖެ އިން ލިބެން ހުރި ބައެއް ތަކެތި ބޭނުންކޮށްގެން މި އައިއީޑީ ހަދާފައި އޮތް އިރު 2007ގައި ސަލްޓަންޕާކުގައި ޓޫރިސްޓުންތަކަކަށް އަމާޒުކުރި ހަމަލާގައި ގޮއްވާލި އައިއީޑީއަށް ވުރެން އެތައް ގުނައެއް ނަޝީދަށް އަމާޒުކުރި އައިޑީގެ ބާރުގަދަ، ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ނަޝީދަށް ލިބުނު ޒަހަމްތައް
އެ ހަމަލާއާ ގުޅިގެން މިހާރު ތިން މީހަކު ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ. ފުލުހުންނާއި ސިފައިން ގުޅިގެން މިހާރު ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނީ ޓެރަރިޒަމް އާ ދެކޮޅަށް އޮޕަރޭޝަން ހިންގަމުންނެވެ. އެގޮތުން މިއަދު ހަރުކަށި ފިކުރަށް ތާއިދުކުރާ ހަތް މީހަކު ވަނީ އައްޑޫން ހައްޔަރުކޮށްފަ އެވެ.