މާލެ ސިޓީގެ ހަތަރު ވަނަ ދައުރުގެ މޭޔަރާއި ކައުންސިލަރުންގެ މަޤާމުގެ ހުވާކޮށްފި އެވެ.

މިއަދު އޮންލައިންކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި އަލަށް އިންތިހާބުވި ކައުންސިލަރުނަށް ހުވާލައި ދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ހާތިފް ހިލްމީ އެވެ.

ހުވާ ކުރެއްވުމަށްފަހު ހުރިހާ މެމްބަރުންވެސް ވަނީ މަޤާމުގެ އިގުރާރުގައި ސޮއިކުރައްވާފަ އެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއި އެކު މި ކައުންސިލްގެ މަޤާމުގެ މުއްދަތަކީ ފަސް އަހަރެވެ. މިފަހަރުގެ މޭޔަރު ހޮވާފައިމި ވަނީ ސިދާ ރައްޔިތުންގެ ވޯޓަކުންނެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ހޮވުނު މެމްބަރުންވެސް ވަނީ ހުވާކޮށްފައެވެ.

ހުވާގެ ރަސްމިއްޔާތުގެ ތެރެއިން، ނިމިދިޔަ ދައުރުގައި ސިޓީ ކައުންސިލަށް ކުރިމަތިވި ގޮންޖެހުންތަކާއި އެތަނުން ކުރި މަސައްކަތްތަކުގެ ވީޑިއޯ ރިޕޯޓެއް ވެސް ދައްކައިލި އެވެ.

ހުވާގެ ރަސްމިއްޔާތަށް ފަހު، ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ވަނީ ފަށައިފަ އެވެ.

މިއީ މާލޭގެ މޭޔަރު ކަމަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ. އަދި މާލެ ސިޓީ ކައުންސިލުގެ މެޖޯރިޓީ ވެސް މިފަހަރު ލިބުނީ ޕީޕީއެމަށެވެ. އެ ޕާޓީން ޖުމްލަ 11 ގޮނޑިއެއް ކާމިޔާބުކޮށްފައިވެ އެވެ.

މިހާރު މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތް އެމްޑީޕީއަށް މި އިންތިހާބުގައި ކާމިޔާބުކުރެވުނީ އެންމެ ފަސް ގޮނޑި އެވެ. އަދި ޖޫމްހޫރީ ޕާޓީން ވެސް ވަނީ އެއް ގޮނޑި ހޯދައިފަ އެވެ.

މާލޭ ސިޓީ ކައުންސިލުގެ އިތުރުން އެހެން ސިޓީ ކައުންސިލްތަކާއި އަދި ރަށު ކައުންސިލުތަކަށް އަލަށް އިންތިހާބުވި މެމްބަރުންގެ ހުވާކުރުން ވެސް އޮންލައިންކޮށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.