ރާއްޖޭގައި ކޮވިޑު-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އެޑްމިޓް ކޮށްގެން ފަރުވާ ދޭން މީހުންގެ އަދަދު އިތުރު ވެފައި ވާއިރު މިވަގުތު ވެސް 10 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނެފި އެވެ.

އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، މިހާރު ވެސް ކޮވިޑު ޖެހިގެން ހާލު ސީރިއަސް ވެފައިވާ 15 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 268 އަށް އަރާފަ އެވެ. އޭގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) 11 ވަނަ ފަންގިފިލާގައި ފަސް މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މީގެ އިތުރުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ނުވަ މީހަކަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންދާއިރު ފަސް މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ.

އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ތެރެއިން 191 މީހަކު އެޑްމިޓް ކޮށްފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ. ޑީއެޗް 11 ގައި ހަ މީހަކަށް ޑީއެޗް 17 ގައި 8 މީހަކު އަދި ޑީއެޗް 16 ގައި ދެ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ހުޅުމާލެ ހޮސްޕިޓަލްގައި 36 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އެޗްއީއޯސީގެ ފަރާތުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސްގައި މުހައްމަދު މަބްރޫކް އަޒީޒް އާއި އައިޖީއެމްއެޗްގެ ޑޮކްޓަރު އަހުމަދު ފައިސަލް މިރޭ ވާހަކަދައްކަވަނީ. ފޮޓޯ: އެޗްއީއޯސީ

މީގެ އިތުރުން ބަލި މީހުންނަށް އެކަށީގެންވާ ވަރަށް އެދު ނެތުމުގެ ސަބަބުން މިހާރު ކޮވިޑަށް ޕޮޒިޓިވްވާ މީހުން ބައިތިއްބަނީ ގޭގައި ބައިތިއްބައިގެން ފަރުވާ ދެމުންގެންދާ މީހުންގެ ސިއްހީ ކަންކަން މޮނިޓާ ކުރުމަށް އެޗްއީީއޯސީއިން ވަނީ ސިއްހީ އެހީތެރިން ހޯދުމަށް އިއުލާންކޮށްފަ އެވެ.

މިހާރު ރާއްޖޭގައި ކޮވިޑު ޖެހޭ ގިނަ މީހުންގެ ހާލުު ދަނީ ސީރިއަސް ވަމުންނެވެ، އެގޮތުން މިހާރު ކޮވިޑު ޖެހިގެން މިހާރު މަރުވި މީހުންގެ އަދަދު ވަނީ 100 އިން މައްޗަށް އަރައިފަ އެވެ.