ކޮވިޑް ޖެހިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ ތިން މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު އެންމެ ފުރަތަމަ މަރުވީ ފެސިލިޓީގައި ފަރުވާ ދެމުންގެންދިޔަ 93 އަހަރުގެ އަންހެނެއް ކަމަށެވެ. އެ މީހާ މަރުވީ ރޭ 10:44 ގަ އެވެ. އެކަމަކު އެ މީހާ މަރުވިކަން އާއްމުކުރީ މިއަދު ހެނދުނު އެވެ. އޭގެ އިތުރުން ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ 77 އަހަރުގެ ފިރިހެނަކު ވެސް ރޭ ފަތިހު 4:06 ގައި މަރުވި އެވެ.

ކޮވިޑް ޖެހިގެން މަރުވި ތިންވަނަ މީހަކީ ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ 80 އަހަރުގެ އަންހެނެކެވެ. އެ މީހާ މަރުވީ މިއަދު ހެނދުނު 10:54 ގަ އެވެ.

ރޭ މަރުވި މީހާ އާއި މިއަދުގެ މިހާތަނަށް މަރުވި ދެ މީހުންނާއެކު ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 118 އަށް އަރާފައެވެ. އެއީ 103 ދިވެހިންނާއި 15 ބިދޭސީންނެވެ.

ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން މަރުވީ މިމަހު އެވެ. އެގޮތުން މިހާތަނަށް މިބަލީގައި 45 މީހުން ވަނީ މިމަހުގެ މިހާތަނަށް މަރުވެފަ އެވެ.

ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގައި ނިޔާވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ބަލިން ރައްކާތެރިވުމަށް ބޭނުންކުރަމުން އަންނަ ކޮވިޑް ވެކްސިން ޖެހުން ވަނީ ހުއްޓިފަ އެވެ.