ކޮވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ ހާލު ބަލަން ގުޅާނެ ނަންބަރެއް ތައާރަފްކޮށްފި އެވެ.

އެޗްއީއޯސީ އިން މިއަދު ބުނީ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ހާލު ބަލަން ގުޅާނެ ނަންބަރެއް ތައާރަފު ކޮށްފައިވާ ކަމަށެވެ. އެއީ 3022221 ނަންބަރެވެ. އެ ނަންބަރަށް މިހާރުން ފެށިގެން ގުޅޭނެ ކަމަށް ވެސް އެ ސެންޓަރުން ބުނެ އެވެ.

ފެސިލިޓީތަކަށް ގެންދާ މީހުންގެ ހާލަތު ބެލޭނެ ގޮތެއް ނެތުމަކީ އާއިލާތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ފެސިލިޓީއަށް ގެންގޮސް ފަރުވާ ދެމުން ދަނީ އުމުރުން ދުވަސްވީ މީހުންނާއި ހާލަތު ގޯސްވުމުގެ ފުރުސަތު އޮތް ހައި ރިސްކް މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑު ޖެހިގެން 100އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެ ތަޖުރިބާކުރާ އެންމެ ނުރައްކާތެރި ދުވަސްތަކެކެވެ. މެއި މަހުން ހުސްވި 22 ދުވަހަކީ ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން ހޭދަކުރި 14 މަސް ދުވަހުގެ ތެރޭގައި ހާލަތު އެންމެ ގޯސްވީ ދުވަސްތަކެވެ. ބަލި ޖެހޭ މީހުންގެ އަދަދު ހުރީ އިންތިހާ މަތީގަ އެވެ. ބަލީގައި މަރުވާ މީހުން ރެކޯޑް އަދަދަކަށް އިތުރެވެ. މެއި މަހުގެ ތެރޭގައި 50 މީހަކު ވަނީ މަރުވެފަ އެވެ. މި މުއްދަތުގައި 24،530 މީހަކަށް ބަލިޖެހިފައިވެ އެވެ. މިއީ ދުވާލަކު 1،000 އަށް ވުރެ މަތީ އަދަދެކެވެ