ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ އިތުރު ހަތަރު މީހަކު މިއަދު މަރުވެއްޖެ އެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހިގެން މިއަދުގެ މިހާތަނަށް ވަނީ ފަސް މީހަކު މަރުވެފަ އެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލެ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ހަތަރު މީހަކު މަރުވެފައިވާ ކަމަށެވެ. އެގޮތުން ރޭ ދަންވަރު 3:18 ހާއިރު އުމުރުން 77 އަހަރުގެ ފިރިހެނަކު މަރުވެފައިވާއިރު ފަތިހު 4:25 ހާއިރު އުމުރުން 58 އަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އަދި މިއަދު ހެނދުނު 6:55 ހާއިރު އުމުރުން 93 އަހަރުގެ ފިރިހެނަކު މަރުވެފައިވާއިރު އުމުރުން 85 އަހަރުގެ ފިރިހެނަކު މިއަދު ހެނދުނު 7:44 ގައި މަރުވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

މީގެ އިތުރުން ރޭ ދަންވަރު އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ އުމުރުން 81 އަހަރުގެ ފިރިހެނަކު ވެސް ވަނީ މަރުވެފަ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން 134 މީހަކު މަރުވެފައިވާއިރު މިމަހުގެ މިހާތަނަށް މިބަލީގައި 61 މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެ، މަރުވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

މިހާރުވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ގިނަ ބަޔަކަށް ފަރުވާ ދެމުން އަންނައިރު ވެންޓިލޭޓަރުގައި ގިނަ ބަޔަކު އަންނަނީ ފަރުވާ ދެމުންނެވެ.