ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް އަތޮޅު ކައުންސިލުގެ ރައީސުން ތަމްސީލުކުރުމަށް ކުރީގެ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަދި ކ އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު ނިމާލު އިންތިހާބަކާ ނުލައި ހޮވިއްޖެ އެވެ.

އެލްޖީއޭގެ ބޯޑު މެމްބަރުންގެ މަގާމަށް ނިމާލުގެ އިތުރުން ނޫނު އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު އެވެ. ނިމާލަކީ ޕީޕީއެމްގެ އެ އަތޮޅު ރައީސެކެވެ. ބަޝީރަކީ އެމްޑީޕީގެ އެ އަތޮޅު ރައީސެކެވެ.

ޓުވިޓާ މެދުވެރިކޮށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، އެލްޖީއޭގެ މެމްބަރު ކަމަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން 24 މޭ 2021 ވަނަ ދުވަހުގެ 2:00ގެ ފަހުން ހުށަހަޅާފައިވާ ފޯމުތައް ބަަލައި ނުގަންނަން ނިންމާފައިވާ ކަމަށެވެ. ޝަރީފު އާންމު ކުރެއްވި ގަޑިތަކަށް ބަލާއިރު ބަޝީރު ފޯމު ހުށަހަޅުއްވާފައި ވަނީ 24 ވަނަ ދުވަހުގެ 2:04 މިނެޓްގަ އެވެ.

ޝަރީފުގެ ޓުވިޓާ ގުޅިގެން ބަޝީރު ވިދާޅުވީ، އޭނާ ފޯމު ހުށަހަޅާފައި ވާނީ ގަޑިޖެހުމުގެ ކުރިން ކަމަށެވެ. މެއިލްއެއް ކުރަން އިންނައިރު 1:59 ގައި އޭނާ މެއިލް ފޮނުވި ކަމަށް އިލެކްޝަންސް ކޮމިޝަނަށް އީމެއިލް މެދުވެރިކޮށް ލިބުނު ގަޑިއެއް އޭނާއަށް ނޭނގޭ ކަމަށާއި އެކަމާ ގުޅިގެން އީސީން ނުގުޅާ ކަމަށެވެ.

ބަޝީރާއު ނިމާލުގެ އިތުރުން އެހެން މީހަކު އަތޮޅު ކައުންސިލު ތަމްސިޅު ކުރަން ވާދަކުރަން ފޯމު ނުލާތީ ނިމާލު މިހާރު ވަނީ އޮޓޯއިން އެލްޖީއޭގެ ބޯޑަށް ހޮވިފަ އެވެ. އަތޮޅު ރައީސުންގެ އިތުރުން ރަށު ކައުންސިލުގެ މެމްބަރަކާއި، ސިޓީ ކައުންސިލުގެ މެމްބަރެއް ވެސް އެލްޖީއޭއަށް އިންތިހާބު ކުރާނެ އެވެ.

ސިޓީ ކައުންސިލުގެ މެމްބަރުންގެ ގޮތުގައި ފޯމު ލާފައި ވަނީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު އާއި މާލޭ މޭޔަރު ޑރ މުހައްމަދު މުއިއްޒުގެ އިތުރުން އައްޑޫ ސިޓީގެ މެމްބަރު ހުސައިން ފައިޒުއް ރަހުމާނު އެވެ. އެ ތިން ބޭފުޅުންގެ ތެރެއިން ފައިޒުއްރަހުމާނު ފޯމު ހުށަހަޅުއްވާފައި ވަނީ 24 މޭ ދުވަހުގެ 2:15 ގަ އެވެ. އެހެންވެ އޭނާގެ ފޯމު ބާތިލު ވާނެ އެވެ. އެހެންވެ އެލްޖީއޭއަށް ވާދަ ކުރާނީ ޑރ. މުއިއްޒު އަދި އިސްމާއިލް އެވެ.

ރަށު ކައުންސިލުތަކުން އެލްޖީއޭގެ ބޯޑަށް އަށް ކައުންސިލަރަކު ވާދަ ކުރަން ފޯމު ހުށަހެޅުއްވި އެވެ. އެއީ ވައިކަރަދޫ ކައުންސިލުގެ ރައީސް އަބްދުﷲ ޒާމިރު އާއި މަގޫދޫ ކައުންސިލުގެ ރައީސް އަބްދުﷲ ވަހީދު އާއި ތޮއްޑޫ ކައުންސިލުގެ ރައީސް އަހުމަދު ކަރަމް އާއި ފިއްލަދޫ ކައުންސިލުގެ ރައީށް މުހައްމަދު ރަޒީފް އާއި ދާންދޫ ކައުންސިލުގެ މެމްބަރު އަހުމަދު އިބްރާހިމްގެ އިތުރުން ނެއްލައިދޫ ކައުންސިލް މެމްބަރު ހުސައިން ޔާމީން މުހައްމަދާއި ތަކަންދޫ ކައުންސިލުގެ ރައީސް ހުސައިން ނައީމް އެވެ.

އެ ބޭފުޅުންގެ ތެރެއިން ތަކަންދޫ ކައުންސިލުގެ ރައީސް ފޯމު ހުށަހަޅުއްވާފައި ވަނީ 24 މޭ ދުވަހުގެ 2:01 މިނެޓްގަ އެވެ. އެހެންވެ އޭނާއަށް ވެސް ވާދައެއް ނުކުރެވޭނެ އެވެ. އެހެންވެ އަތޮޅު ރައީސުންގެ ތެރެއިން އެލްޖީއޭއަށް ވާދަ ކުރާނީ ހަތް ބޭފުޅެކެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން އިންތިހާބު ކުރުމަށް ވޯޓުލުން އޮންނާނީ ޖޫން 12 ވަނަ ދުވަހު ކަމަށް އީސީއިން ވަނީ ބުނެފަ އެވެ. އެލްޖީއޭގެ ބޯޑަށް މެމްބަރުން އައްޔަންކުރަނީ ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް ގެނައި އިސްލާހުގައި އެކަން އެގޮތަށް ކުރަން ޖެހޭ ކަމަށް އޮތުމުންނެވެ.