ހދ. ކުޅުދުއްފުށި އެއާޕޯޓަށް ބަލައި ދިއުމާއި ފުރުވަން އާންމުން ދިއުން މަނާކޮށްފި އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އާންމުން އެއާޕޯޓަށް ދިއުން މަނާކޮށްފައިވާ ކަމަށެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކޮށް ހޯމްކަރަންޓީން ފުރިހަމަކުރި މީހުންގެ ތެރެއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކޭސްތަކެއް ފެނިފައިވާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

މިދުވަސްވަރަކީ މާލެ އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑް ރޯގާ ހަލުވިކަމާއެކު ފެތުރެމުންދާ ދުވަސްވަރަކަށް ވާތީ ކުޅުދުއްފުށީގައި ކޮވިޑުން ރައްކާތެރިވުމަށް އެތައް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށާއި އެ މަސައްކަތްތަކުގެ ނަތީޖާ އެންމެ އެދެވޭ ގޮތެއްގައި ފެންނާނީ ރައްކާތެރިވެ ތިބުމަށް އެންމެން އެކުގައި މަސައްކަތް ކޮށްގެންކަން ކުޅުދުއްފުށި ކައުންސިލުން ވަނީ ފާހަގަ ކޮށްފަ އެވެ.

ކުޅުދުއްފުށީގައި ކޮވިޑަށް ޕޮޒިޓިވްވި 12 މީހަކަށް މިހާރު ވެސް އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑުން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި ވެސް ވަނީ ފިޔަވަޅުތަކެއް އަޅާފަ އެވެ.