ރަސްމީ ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލުމަށް ގާނޫނު އުވާލަން ހުށަހެޅި ބިލު ދިރާސާކޮށް އެ ގޮތަށް ބިލު ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީސް ހިމެނޭ ކޮމިޓީން ނިންމައިފި އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި އެ ބިލު ދިރާސާކޮށް ކޮމިޓީން އެކުލަވާލި ރިޕޯޓް މަޖިލީހުގެ ވެބްސައިޓްގައި ވަނީ ޝާއިއުކޮށްފަ އެވެ. މުޅި މަޖިލީހުގެ ކޮމިޓީން ނިންމާފައި ވަނީ އެ ގާނޫނު އުވާލުމަށެވެ.

މިހާރުު އަމަލުކުރަމުންދާ "އެކި އެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު" އަކީ 1970 ވަނަ އަހަރު ފާސްކުރި ގާނޫނެކެވެ. އެ ގާނޫނުގެ ދަށުން ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށް ހިނގާ ހަރަދާއި އަޅާބަލާ އިރު ލިބޭ އާމްދަނީއަކީ ވެސް އެކަށީގެންވާ އާމްދަނީއަކަށް ނުވާކަމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ރެވެނިއު ސްޓޭމުގެ ގާނޫނުގެ ދަށުން ނަގަމުން އަންނަ ރެވެނިއު ސްޓޭމްޕްގެ ފައިސާއަކީ ދައުލަތުގެ އެކިއެކި އިދާރާތަކުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކަށް ނަގާ ފީ އާއި އެނޫން ވެސް ފައިސާގެ ޒަރިއްޔާ އިން ހަމަޖެއްސޭނެ އާމްދަނީއެއް ކަމަށް ވެސް ބިލް ހުށަހެޅި ސަބަބެއްގެ ގޮތުގައިވެ އެވެ.

މުޅި މަޖިލީހުން ކޮމިޓީން މިއަދު ފާސްކުރި ރިޕޯޓުގައި ބުނީ، ރެވެނިއު ސްޓޭމްޕުގެ ސަބަބުން ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑު ކަމަށެވެ. އަދި ބުނީ އެ ގާނޫނުގެ ސަބަބުން އާންމުން އަދި ވިޔަފާރިވެރިންނަށް ވެސް ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށެވެ.