ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށް ޖަވާބުދާރީ ނުކުރެވޭނެ ކަމަށާއި މަޖިލީހުގެ ކޮމިޓީތަކަށް ޖަވާދުދާރީ މުއައްސަސާއިން ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

އެމްއެންޑީއެފްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާ ގޮތް ބެލުމަށް ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީ އާ ޗެއިން އޮފް ކޮމާންޑް އަދި ކޮމާންޑް އެންޑް ކޮންޓްރޯލުގެ އިތުރުން ސިފައިންގެ ތެރޭ ގާއިމްކޮށްފައި އޮތް އުސޫލުތަކާ ހިލާފު ކަމެއް ކަމަށެވެ.

އެހެން ކަމުން ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާ ގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީ ވުމުގެ ބަދަލުގައި، ޖަވާބު ދާރީވާނީ އެމްއެންޑީއެފްގެ ފަރާތުން ކަމަށެވެ.

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން މެއި ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ އިން ހިންގާ އިންކުއަރީ އާ ގުޅިގެން އެމްއެންޑީއެފް އިން މިއަދު އާންމުކުރި ނޫސްބަޔާނުގައި ބުނީ އެ އިންކުއަރީ އަށް ފުރިހަމައަށް އެއްބާރުލުންދީ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުވެ ކޮންމެ މީހަކަށް ވެސް އަދި މުއައްސަސާއަކަށް ވެސް ހެކިބަސް އަދާކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށާއި ނަމަވެސް ސަލާމަތީ ކޮންމެ ހިދުމަތެއް ވެސް ހިންގަންވާނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ބެލުމުގެ ދަށުން ކަމަށް ގާނޫނުގައި ބުނެފައިވާއިރު، އަދި އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ކޮންމެ ހިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ގާނޫނު އަސާސީގެ 242 ވަނަ މާއްދާގައި ބުނެފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފްއިން އިތުރަށް ބުނީ ސިފައިންގެ ގާނޫނުގެ 17 ވަނަ މާއްދާ ބުނާގޮތުން ސިފައިންގެ ކޮންމެ މީހަކު ވެސް އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހުތިޔާރުގެ ބޭނުން ހިފާގޮތާމެދު އަދި އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ތެދުވެރިކަމާ އިހުލާސްތެރިކަމާއެކު ޖަވަބުދާރީ ވާންޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ކަމަށެވެ އަދި ޗީފް އޮފް ޑިފެންސް ފޯސް ޖަވާބުދާރީ ވާންޖެހޭނީ ޑިފެންސް މިނިސްޓަރަށް ކަމަށް އެ ގާނޫނު ބުނާކަމަށާއި ސިފައިންގެ މައްޗަށް މިނިސްޓަރަށް ލިބިގެންވާ ހުރިހާ ގާނޫނީ ބާރަކާއި އިހުތިޔާރެެއްގެ ބޭނުން ހިފާގޮތާމެދު އަދި މިނިސްޓަރުގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު މިނިސްޓަރު، ސިފައިންގެ އެންމެ މަތީ ވެރިޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ވެސް ސިފައިންގެ ގާނޫނުގައި އޮންނަ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ބަޔާނުގައި ބުނެފަ ވަނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާ (ނ)ގައި ބަޔާންކުރާ ފަރާތްތައް ނޫން އެހެން ފަރާތަކަށް ހިއްސާ ކުރުމަކީ ކުށެއް ކަމަށެވެ. ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމާ ގުޅޭގޮތުން ބަޔާނުގައި ބުނީ އެކަމަކީ ސިފައިންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ގޮންޖެހުން ކުރިމަތިވާ ކަމެއް ކަމަށެވެ. އަދި ގައުމީ ސަލާމަތާ ފޫނުބެދޭ ވަރުގެ ގެއްލުން އެކަމުގެ ސަބަބުން ކުރިމަތިވާނެ ކަމަށެވެ.

އިތުރަށް ބަޔާނުގައި ބުނީ، ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި ޗެއިން އޮފް ކޮމާންޑުގެ އުސޫލު ހަރުދަނާކޮށް ބޭއްވުމަށް ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި ޖަވާބުދާރީ ވާން ޖެހޭނީ އެމްއެންޑީއެފްއިން ކަމަށް ދެކޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ނުވަތަ ކޮމެޓީއަކުން ބަލާ މައްސަލައަކާ ގުޅިގެންް ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާ ގުޅޭގޮތުން މައުލޫމާތެއް ހޯދަން ބޭނުންނަމަ އެ މައުލޫމާތު ވެސް ފޯރުކޮށްދޭނެ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ އެ އުސޫލުތަކާ ހިލާފަށް އަމަލުކުރުމަށް އެ މުވައްސަސާގެ މައްޗަށް ލާޒިމުކުރާ ޝަރުއީ ކޯޓެއްގެ ނިހާއީ ހުކުމެއްވެސް ނެތް ކަމަށާއި އެ ނިންމުމަކީ ސިފައިން، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުމާ ގުޅޭގޮތުން ސިފައިންގެ ލަފާދޭ މަޖިލީހުން ދީފައިވާ ލަފައާއި އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.