ކޮވިޑް ބަލީގައި ހުޅުމާލެ ފެސިލިޓީގައި ފަރުވާ ހޯދަމުން ތިޔަ ތިން މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 64 އަހަރުގެ ދިވެހި އަންހެނަކާއި 79 އަހަރުގެ އަންހެނެއްގެ އިތުރުން 68 އަހަރުގެ އަންހެނަކު މަރުވެފައިވާ ކަމަށެވެ. މި ތިން މަރާއެކު ކޮވިޑް ބަލީގައުި ރާއްޖެއިން މަރުވި މީހުންގެ އަދަދުވަނީ 182 އަރާފަ އެވެ.

މީގެ އިތުރުން ކޮވިޑްގައި 28 އަހަރުގެ ދިވެހި އަންހެނަކު ވެސް ރޭ ވަނީ މަރުވެފަ އެވެ. އެ އަންހެން މީހާ އަކީ ގއ. ދާންދޫއިން ކޮވިޑް19 އަށް ޕޮޒިޓިވްވެ އިތުރު ފަރުވާއަށް މާލެ ފޮނުވާލި މީހެކެވެ. އޭނާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11ގައި ފަރުވާދެމުން ދަނިކޮށެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ މިދިޔަ މަހުގަ އެވެ. އެ މަހު މަރުވި މީހުންގެ އަދަދު 85 އަކަށް ވުރެ މައްޗަށް ގޮސްފައިވެ އެވެ. މިބަލީގައި އެންމެ އުމުރުން ހަގު ކުއްޖާ މަރުވެފައި ވަނީ މި މަހުގަ އެވެ. އެއީ އުމުރުން 10 އަހަރުގެ ކުއްޖެކެވެ.