ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކު ވެސް ހުންނަވަން ޖެހޭނީ ގާނޫނު ގަވާއިދުގެ ތެރޭގައި ކަމަށާއި، ބޭނުން ހުރިހާ ކަމެއް ނުކުރެވޭނެ ކަމަށް ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެ އެވެ.

އޮންލައިން ނޫސް "ވަން"އަށް ދިން އިންޓަވިއެއްގައި ނާޒިމް ވިދާޅުވީ، މަޖިލީހުގެ ރައީސް ވިދާޅުވިއޭ ބުނެ ވަކި މައްސަލައެއް މަޖިލީހުގެ ކޮމިޓީއަކަށް ނުބެލޭނެ ކަމަށެވެ. އަދި ވިދާޅުވީ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލް ސޮއިކުރައްވައި ޑިފެންސް މިނިސްޓްރީން މަޖިލީހަށް ސިޓީއެއް ފޮނުވިޔަސް އެކަމާ ގުޅޭ ގޮތުން ޒިންމާ ވާން ޖެހޭނީ ޑިފެންސް މިނިސްޓަރުކަމަށް މުޅި ދުނިޔެ ގަބޫލުކުރާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ، ޒަމީލުގެ މައްސަލަ ކޮމިޓީއަށް ނުބެލޭނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ، މިނިސްޓަރަކަށް ހުންނަ މީހެއްގެ ޒިންމާ އަބަދު ވެސް އޮންނާނެ ކަމަށާއި އެކަމުން ރެކެވޭނެ ގޮތެެއް ނުހުންނާނެ ކަމަށެވެ.

މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ނޫން އެހެން މީހަކު ސޮއިކޮށް ލިޔުމެއް ފޮނުވިޔަސް އެކަމާ ގުޅިގެން ސުވާލު ކުރެވެން ޖެހޭނީ މިނިސްޓަރުގެ މަގާމުގައި ހުންނަވާ ބޭފުޅަކާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ވަކި ވަކި ސިފައިން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަކީ ގާނޫނީގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ނަޝީދަށް ހަމަލާދިންއިރު، އެތަނުގައި ތިބި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ބޮޑީގާޑުން 241 ކޮމިޓީއަށް ހާޒިރު ކުރެވިދާނެ އެވެ. ނަމަވެސް ސިފައިންގެ އިންޓެލިޖެންސް ދާއިރާގައި މަސައްކަތްކުރަން ތިބި އާދައިގެ އޮފިސަރުން ކޮމިޓީއަށް ހާޒިރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

މިދިޔަ މަހު ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ވަނީ ޓެރަރިސްޓް ހަމަލާއެއް ދީފަ އެވެ. އެ ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީ ނުވަތަ 241 ކޮމިޓީން ހިންގަމުން އަންނަ އިންކުއަރީއަށް ވަކި ވަކި ސިފައިން އެ ކޮމިޓީއަށް ހާޒިރުވާން އެންގުމުން އެއީ ސިފައިންގެ ގާނޫނުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށް ބަޔާންކޮށް ޑިފެންސް މިނިސްޓަރުގެ ނައިބު ޒަމީލް ސޮއިކުރައްވައި މަޖިލީހަށް ވަނީ ސިޓީއެއް ފޮނުވާފަ އެވެ.

އެ ސިޓީ މަޖިލީޙަށް ލިބުމާއެކު ނަޝީދުގެ އެންގުމަށް ޒަމީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވަނީ ފޮނުވާފަ އެވެ. އަދި އޭނާ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އެ މައްސަލަ އިމްތިޔާޒު ކޮމިޓީއަށް ހުށަހެޅުއްވި އެވެ. ނަމަވެސް ޕީޖީ އޮފީހުން ނިންމީ ޒަމީލުގެ މައްޗަށް ދައުވާ ނުކުރުމަށެވެ.