ރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ޓެރަރިސްޓުންނާއި ޓެރަރިޒަމް ޖަމާއަތްތަކަށް އެހީވާ ބައެއް ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އޮތް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބަހުސްގައި އާޒިމް ވިދާޅުވީ، ކުރީގެ ރައީސް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދީފައިވާ މި ދަނޑިވަަޅުގައި ރާއްޖޭގައި އުޅޭ ބިދޭސީންގެ ނުރައްކާ ކުޑަ ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ، ޓެރަރިޒަމް ޖަމާއަތްތަކަށް ތާއީދުކޮށް ވާގިވެރިވާ ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި މިނިވަންކަމާއެކު އުޅެމުންދާ ކަމަށެވެ. އަދި އެ ފަރާތްތަކާމެދު މިހާރުން ފެށިގެން ފާރަވެރިވެ، ރަނގަޅު ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ ނުބައި ފަައްތަރަކަށް ރާއްޖެގޭ ކަންތައްތައް ހިނގައިދާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ބިދޭސީން ނުކުމެ ސަލާމަތީ ބާރުތަކާ ކުރިމަތިލާން މާގިނަ ދުވަސްތަކެއް ނެތް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އަދި ސިނާއީ ރަށް ތިލަފުށީގައި ނޭދެވޭ އެތައް ކަމެއް ހިންގައި ރާވަމުން ގެންދާ ކަމަށާއި ރާއްޖެއަކީ ނާޒުކު އިގްތިސާދެއް އޮތް ތަނަކަށް ވާއިރު ތިލަފުށިން ނުރައްކާތެރި ކަންތައްތަކެއް ފެށި، ރާއްޖެ ބަނޑަށް ޖެހުމުގެ ކަންބޮޑުވުން އާޒިމް ވަނީ ފާޅުކޮށްފަ އެވެ.