ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33،000 ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހުގީގުން އެނގޭ ކަމަށް އޭސީސީން ބުނޭ. މަހުލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އެ ފައިސާއަކީ، އަދީބު، މަހުލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގޭ ކަމަށް ވެސް އޭސީސީން ބުނޭ. މިއީ ކޮރަޕްޝަންގެ މައްސަލައެއްގައި މި ސަރުކާރުގެ ވަޒީރެއްގެ މައްޗަށް ދައުވާކުރި ފުރަތަމަ ފަހަރު.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޔޫތު މިނިސްޓަރު އަދި ގަލޮޅު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު މަހުލޫފަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފޮނުވައިފި އެވެ.

މަހްލޫފް މީގެ ކުރިން ވަނީ އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރާ ހިސާބުން މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އޭނާ އަދި ވަކިއެއްޗެއް ވިދާޅެއް ނުވެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މަހުލޫފްގެ މައްޗަށް ދައުވާކުރުމާމެދު ޕްރޮސެކިއުޓާ ޖެނެރަލް ގޮތެއް ނިންމަވަންދެން މަގާމު މަސްއޫލިއްޔަތުތަކުން އެކަހެރިވުމަށް އަންގަވާފައިވާ ކަަމަށެވެ.

މަހުލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވާފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.

އޭސީސީން ބުނީ މަހުލޫފްގެ މައްސަލަ ތަހުގީގުކޮށް ނިންމައި، އެ މައްސަލައިގައި ދައުވާކުރަން މިއަދު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ އެ މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޭނާ ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33،000 ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހުގީގުން އެނގޭ ކަމަށެވެ. އެގޮތުން، އެ ބިލް ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން އޮގަސްޓް 27، 2014 ގައި މަހުލޫފް ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައި ވަނީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށް ކަމާއި، ރައްޔިތުންގެ މަޖިލީހުގައި އޭނާ އެ ބިލަށް ވޯޓު ދީފައި ވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށްކަމާއި، އެސްއޯއެފްގެ ޗެކަކުން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގުން އެނގެންއޮތްއިރު، އެ ވޯޓަށްފަހު ކުރީގެ ނައިބު އަހުމަދު އަދީބު އާއި މަހުލޫފް އާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް މަހުލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚްތަކާއި ގުޅުވުމުން، މަހުލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އެ ފައިސާއަކީ، އަދީބު، މަހުލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ މަހުލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ 33،000 ޑޮލަރަކީ، ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއް ކަމަށް ބުނެ އެސްއޯއެފް ނަމުގައި ތައްޔާރުކޮށްފައިވާ "ޕޭމަންޓް ރިސީވްޑް" ލިޔުމެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މަހުލޫފްގެ ފަރާތުން ހުށަހަޅާފައި އޮތް ނަމަވެސް، ތަހުގީގުން ބެލިބެލުމުން އެ ފައިސާއަކީ ޑޮލަރު ގަތުތަށް ދީފައިވާ ފައިސާކަން އެނގޭކަށް ނެތް ކަަމަށެވެ. އަދި މިއީ އަދީބު ކިބައިން ރިޝްވަތުގެ ގޮތުގައި މަހުލޫފް ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި، ތަހުގީގަށް ލިބިފައިވާ ހެކި ގަރީނާއިން އެނގެން އޮތަތީ، މި މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަހުލޫފްގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ ކަމަށެވެ.

"ހަމައެހެންމެ، އިސްވެ ދެންނެވުނު ތެއްތިރީސްހާސް އެމެރިކާ ޑޮލަރުއަކީ، ޑޮލަރު ގަނެވިއްކުމުގެ އަދި ސައްހަ މުއާމަލާތެއްކަން ދެއްކުމަށްޓަކައި އޭސީސީއަށް ހުށަހަޅާފައިވާ "ޕޭމަންޓް ރިސީވްޑް" ލިޔުމާއި، އެ ޑޮލަރަށްވާ ދިވެހި ފައިސާ ނަގުދު ފައިސާއިން އެސްއޯއެފް އާ ހަވާލުކޮށްފައިވާނެ ކަމަށް، އަހުމަދު މަހުލޫފް އޭސީސީ އަށް ފޮނުވާފައިވާ ސިޓީއާއި، ދީފައިވާ ބަޔާނަކީ، ކަން ހިނގާފައިވާ ގޮތް އޮޅުވާލުމަށްޓަކައި ދީފައިވާ ބަޔާނެއްކަން ތަހުގީގަށް ފާހަގަކުރެވެ އެވެ. އެގޮތުން، އަހުމަދު މަހުލޫފް ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާކަން ތަހުގީގަށް އެނގެން އޮތަތީ ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުޤޫބާތު) ގެ 521 ވަނަ މާއްދާ ގެ (ހ) އަދި (ށ) ގެ ދަށުން، ގ.ހާފްސީ، އަހުމަދު މަހްލޫފް ގެ މައްޗަށް ދައުވާ ކޮށްދިނުން އެދި މި މައްސަލަ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވީއެވެ." އެ ކޮމިޝަނުން ބުންޏެވެ.

އޭސީސީން ބުނީ އޭގެ އިތުރުން، އެ މުއާމަލާތަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއް ކަމަށާއި، އެ ޑޮލަރަށްވާ ދިވެހި ފައިސާ ނަގުދު ފައިސާއިން އެސްއޯއެފް އާ ހަވާލުކޮށްފައިވާނެ ކަމަށާއި، އެއީ ސައްހަ މުއާމަލާތެއްކަމަށް ދެއްކުމަށް އޭސީސީއަށް ހުށަހަޅާފައިވާ ލިޔުމަކީ ދިވެހި ފައިސާ ބަލައިގަތުމަށް ފަހު އެސްއޯއެފް އިން ދޫކޮށްފައިވާ ލިޔުމެއް ކަމަށް ދޭހަވާ ގޮތަށް އޭސީސީގެ ތަހުގީގަށް މަހުލޫފްގެ ކޮއްކޮ ގ.ހާފްސީ، މާލެ، ޢަލީ މުބީން ބަޔާން ދީފައިވަނީ އޭސީސީ އަށް ދޮގު މަޢުލޫމާތު ދިނުމުގެ ގޮތުންކަން ތަހުގީގަށް އެނގޭތީ، ގާނޫނުލްއުގޫބާތު ގެ 521 ވަނަ މާއްދާ ގެ (ހ) އަދި (ށ) ގެ ދަށުން، މުބީންއަށް ދައުވާ ކޮށްދިނުން އެދި މި މައްސަލަ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ވެސް ނިންމި ކަމަށެވެ.