މިދިޔަ މެއި މަހު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހަމަލާއެއް ދިން އިރު ސިފައިން ދެމުންދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ވަކިވަކި ސިފައިންނަށް އެޑްރެސްކޮށް މަޖިލީހަށް ދާން އަންގާތީ ކަންބޮޑުވާ އެމްއެންޑީއެފުން އަނެއްކާ ވެސް ބުނެފި އެވެ.
މަޖިލީހުގެ 241 ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރުކުރަން ނިންމި މައްސަލާގައި މަޖިލީހަށް އެމްއެންޑީއެފުން ކުރިން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ކުރާގޮތް ބަލަން ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީ އާއި ސިފައިންގެ "ޗެއިން އޮފް ކޮމާންޑް" އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އާއި ސިފައިންގެ ތެރޭގައި އޮތް އުސޫލުތަކާއި ހިލާފު ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން މުޅި ގައުމީ ދިފާއީ ބާރާއި އެ ބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލޭނެ ކަމަށެވެ.
ޑިފެންސުން ބުނާ ގޮތުގައި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ގުޅުންހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަނެތި އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ އިހުތިޔާރު ލިބިފައި ނުވާ ކަމަށް ސިފައިންގެ އާންމު ގަވާއިދު ބުނެ އެވެ. އަދި ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި ޗެއިން އޮފް ކޮމާންޑްގެ އުސޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށް ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ކުރާގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި ޖަވާބުދާރީވާނީ މުއައްސަސާ އިންކަމަށް ޑިފެންސުން ދެކެ އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމެޓީއަކުން ބަލާ މައްސަލައަކާ ގުޅޭ ގޮތުން، ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާ ގުޅޭގޮތުން މައުލޫމާތެއް ހޯދާ ނަމަ އެ މައުލޫމާތެއް ސިފައިން ފޯރުކޮށްދޭނެ ކަމަށް ޑިފެންސުން ވަނީ ބުުނެފަ އެވެ.
ނަމަވެސް އެ ކަންބޮނޑުވުންތަކަށް އިޖާބާނުދީ 241 ކޮމިޓީން ވަކީ ވަކިވަކި ސިފައިން ހާޒިރުކުރަން ފަށައިފަ އެވެ. މިހާތަނަށް އެ ކޮމިޓީއަށް ތިން ސިފައިން ވަނީ ހާޒިރުކޮށްފަ އެވެ.
އެ ކޮމިޓީއަށް ވަކިވަކި ސިިފައިން ހާޒިރުވުމާ ގުޅޭގޮތުން އޮންލައިން ނޫހަކުން އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން މޭޖާ އިބްރާހިމް އާޒިމްއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ، ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއާއި ގުޅިގެން ކުރިއަށް ގެންދެވޭ އިންކުއަރީއަށް ފުރިހަމަ އެއްބާރުލުން މުއައްސަސާގެ ފަރާތުން ދޭނެކަމަށް އަބަދުވެސް ބުނަމުންދާ ކަމަށެވެ. އަދި މުއައްސަސާގެ ކަންބޮޑުވުން އޮތީ ވަކިވަކި ސިފައިންނަށް އެޑްރެސްކޮށް މަޖިލީހަށް ދާން އަންގާތީ ކަމަށެވެ.
"ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއާއި ގުޅިގެން ކުރިއަށް ގެންދެވޭ އިންކުއަރީއަށް ފުރިހަމަ އެއްބާރުލުން މުއައްސަސާގެ ފަރާތުން ދޭނެކަމަށް އަބަދުވެސް ވާނީ ބުނެފައި. މުއައްސަސާގެ ކަންބޮޑުވުން އޮތީ ވަކިވަކި ސިފައިންނަށް އެޑްރެސްކޮށް މަޖިލީހަށް ދާން އަންގާތީ." އާޒިމް ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ އިިސް ބޭފުޅުން ވެސް ވަނީ މީގެ ކުރިން 241 ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އަދި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވަނީ މީގެ ކުރިން ކޮމެޓީއަށް ހާޒިރުކޮށްފަ އެވެ.
މަޖިލީހަށް އެމްއެންޑީއެފުން ފޮނުވި ސިޓީއާ ގުޅިގެން ބޮޑު ބަހުސެއް ފެށި ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރެވިދާނެ ކަމާމެދު ތަފާތު ބޭފުޅުންގެ ދެކެނީ ތަފާތު ގޮތްގޮތަށެވެ.
241 ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ އެމްއެންޑީއެފަށް ނިސްބަތްވާ 29 ބޭފުޅަކާ ސުވާލުކުރަން ފުރަތަމަ މަރުހަލާގައި ލިސްޓެއް އެކުލަވާލެވުނު ކަމަށެވެ. ސިފައިންގެ އިތުރުން ފުލުހުންނާ ވެސް ސުވާލުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ހަތް ފުލުހަކާ ސުވާލުކުރުމަށް ކޮމިޓީން މިހާތަނަށް ވަނީ ނިންމައިފަ އެވެ.