މަތީ މަރުހަލާގެ ކޯޓުތަށް ނުވަތަ އިސްތިއުނާފީ ކޯޓުތަކުން މައްސަލަތަކުގެ ޝަރީއަތް ހިންގާއިރު އާއި މައްސަލަތައް ނިންމާއިރު، އެ މައްސަލައެއް ބެލި ދަށު ކޯޓުގެ ފަނޑިޔާރަށް އިނގިލި ދިއްކުރެވޭ ގޮތަށް މައްސަލަތައް ނުނިންމަން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިއަދު އެދިވަޑައިގެންފި އެވެ.

އުއްތަމަ ފަނޑިޔާރު އެގޮތަށް އެދިވަޑައިގަތީ މިއަހަރު ބޭއްވި ފަނޑިޔާރުންގެ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ވާހަކަފުޅުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ބައެއް ޖުރިސްޑިކްޝަންތަކުގައި ނޭނގި ނަމަވެސް، މަތީ ކޯޓުތަކުގައި މައްސަލަ ބަލާއިރު ނުވަތަ ހުކުމް ކުރާއިރު، އެ މައްސަލައެއް ނިންމި ދަށު މަރުހަލާގެ ކޯޓުގެ ފަނޑިޔާރަށް އިނގިލި ދިއްކުރެވޭ ކަމަށެވެ. އެއީ ރާއްޖޭގައި ވެސް ހިނގާފާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެކަމަށް ސަމާލުވުމަށް މަތީ މަރުހަލާތަކުގެ ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގަންނަވާ އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.

"މަތީ ކޯޓުތަކުގައި ބާއްވާ ޝަރީއަތްތަކުގައި ނުވަތަ އިއްވާ ހުކުމްތަކުގައި ދަށު މަރުހަލާގެ ކޯޓުތަކުގެ ނިންމުން ނިންމި ފަނޑިޔާރަށް އިނގި ދިއްކުރެވޭ ގޮތަށް މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތައް ބިނާވިޔަ ނުދިނުން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީީ، މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތައް ބިނާ ވާން ޖެހޭނީ ދަށު މަރުހަލާއިން ކަނޑައެޅި މައްސަލައިގެ ވާގިއާތަކަށާއި ގާނޫނަށް ކަމަށެވެ.

ސުޕްރީމް ކޯޓާއި ހައި ކޯޓުން މި ފަހުން ލޭންޑް މާކް ގިނަ މައްސަލަތަކެއް ނިންމާފައިވާކަން ފާހަގަކުރައްވައި، އެ ނިންމުންތަކަށް ދަށު މަރުހަލާ ކޯޓުތަކުން ސަމާލުކަން ދިނުން މުުހިންމުކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ

މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތައް ފަސޭހައިން ބެލޭނެ ޑޭޓާބޭސްއެއް ތައްޔާރު ކުރުމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ އިންތިޒާމު ހަމަޖެއްސުމަށް ސޮފްޓްވެއާއަކަށް މިހާރު އަންނަނީ ގަޒިއްޔާތައް އަޅަމުންނެވެ.