ކޮވިޑުގެ ހާލަތު ގޯސްވުމުން މާލޭ ސަރަހައްދުގައި އެޅި ފިޔަވަޅުތަކަށް ލުއިދީ، ކާފިއުގެ ވަގުތު ކުރުކޮށް، ކަސްރަތު ކުރުމަށް ނުކުމެވޭނެ ގޮތް ހަދައިފި އެވެ.

މިހާރު މާލޭ ސަރަހައްދުގައި ކާފިއު އިއުލާންކޮށްފައި ވަނީ ހަވީރު 4:00 ން ފެށިގެން ހެނދުނު 8:00 އާ ހަމައަށެވެ. ނަމަވެސް، މާދަމާއިން ފެށިގެން ކާފިއު ހިންގާނީ ހަވީރު 4:00 ން ފެށިގެން ފަތިހު 4:00 އަށެވެ.

ރައީސް އޮފީހުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ތަރުޖަމާނު ނަޒްލާ ރަފީގު ވިދާޅުވީ ފަތިހު 4:00 ން ފެށިގެން ހެނދުނު 8:00 އާ ހަމައަށް އެކަނި ކަސްރަތު ކުރުމަށް ހުއްދައަކާ ނުލައި ނުކުމެވޭނެ ކަމަށެވެ.

އޭގެ އިތުރުން ހެނދުނު 8:00ގެ ފަހުން ބޭރަށް ނުކުމެވޭނީ މިހާރު ވެސް އަމަލު ކުރަމުންދާ ގޮތަށް ހުއްދަ ހޯދައިގެން އެކަންޏެވެ. އަދި ވަކިން ނަމާދުކުރުމަށް މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތައް ހުޅުވާލަން ވެސް ވަނީ ނިންމާފަ އެވެ.

މީގެ ތިން ހަފްތާ ކުރީން ފެށިގެން މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ދަނީ ކާފިއު ހިންގަމުންނެވެ. އަދި ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ހުއްދަ ނެތި ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ. އެ ވަގުތުތަކުގައި ބޭރަށް ނިކުމެ އުޅެވޭނީ ފުލުހުން ދީފައިވާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެ ހުއްދަ ދޫކޮށްފައިވަނީ ވެސް ކޮންމެ ގޭބީސީއަކަށް ދެ މީހަކަށެވެ.

އެންމެ ފަހުން އެ ފިޔަވަޅުތަކުގެ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.