އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައެޅުމަށް ތާއިދުކުރާ ޕެޓިޝަނެއް ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންޑޯޒްކުރައްވައިފި އެވެ.

ނަޝީދު އެންޑޯޒް ކުރެއްވީ ހަސަން ކުރުސީ ކިޔާ މީހަކު ފެށި ޕެޓިޝަނެއްގަ އެވެ. އެ ޕެޓިޝަނުގައި މިހާތަނަށް ވަނީ 400 މީހުން ސޮއިކޮށްފަ އެވެ. އެ ޕެޓިޝަނުގައި ބުނެފައި ވަނީ، ޕެޓިޝަނުގެ ބޭނުމަކީ މީހުނާ ދިމާލަށް ށް ލާދީނީ އަދި ކާފަރަށް ގޮވުން ހުއްޓުވުން ކަމަށެވެ. އެގޮތަށް މީހުން ލޭބަލްކޮށް ވާހަކަ ދެއްކުމުގެ ސަބަބުން ފާއިތުވި 10 އަހަރުގެ ތެރޭގައި ލޭއޮހޮރުވުން ހިނގައި އެތައް ބައެއްގެ ދިރިއުޅުން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

އެ ޕެޓިޝަން ޓްވީޓް ކުރެއްވުމަށްފަހު ނަފްރަތު އުފެެއްދުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައެޅުމަށް އެ ޕެޓިޝަނުގައި ސޮއި ކުރުމަށް ނަޝީދު މިއަދު ވަނީ އެދިވަޑައިގެންފަ އެވެ. ނަފްރަތު އުފެއްދުން ހުއްޓުވުމަށް ކަމަށް ބުނެ ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އެވެ.

ހިސާން ހުށަހެޅުއްވި އެ ބިލުގެ ސަަބަބުން ލާދިއްޔަތު ފަތުރަން ފަސޭހަވާނެކަމަށް ބުނެ ދީނީ އިލްމުވެރިން ދަނީ ކަންބޮނޑުވުން ފާޅު ކުރަމުންނެވެ. އެހެންކަމުން އިސްލާހު ހުށައެޅި ހަގީގީ މަގުސަދާ މެދު އެތައް ބަޔަކު މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި މި ބިލް މަޖިލީހުން ބޭރުކުރުމަށް ބާރު އެޅުމަށްޓަކައި 101 އިލްމުވެރިޔަކު ސޮއި ކުރައްވާ، މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ޕެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ.