މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުޑަ ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ކުރާ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ރާއިފް މަރާލާފައިވާ އޮއްވާ ފެނުނީ ރޭ މެންދަމު 2:30 ހާއިރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އިރު އުތުރު ފަޅުތެރޭގައި ފޮއްޓަކަށްލާ އެއްލާލާފައި އޮއްވަ އެވެ. އެ ކުއްޖާގެ މަރާ ގުޅިގެން މިހާތަނަށް ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ދެ މީހުން ވެސް ހައްޔަރުކުރީ ހެންވޭރުގައި ހުންނަ ގެސްޓުހައުސްއެއްގައި ފިލާ ތިއްބަ އެވެ.

ގެސްޓްހައުސްގައި ހައްޔަރުކުރި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ދާން އިންކާރުކޮށްފަ އެވެ. އެގޮތުން އެ މީހުން ވަނީ ފުލުހުން އެންގުމުންވެސް ގެސްޓްހައުސްގެ ކޮޓަރީގެ ދޮރު ހުޅުވަން އިންކާރުކޮށްފަ އެވެ. އެގޮތަށް އިންކާރު ކުރުމުން ފުލުހުން އެ ދެ މީހުން ހައްޔަރުކުރީ ކޮޓަރީގެ ދޮރު ހަލާކުކޮށްގެން އެތެރެއަށް ވަދެގެންނެވެ.

އެނގިފައިވާ ގޮތުގައި އެ ކޮޓަރީގެ އެނދުގެ ގޮދަޑީގައި ކޮންމެ ވެސް ވަރަކަށް ލޭ ހުއްޓެވެ. ފުލުހުންގެ ފޮރެންސިކް ސާވިސްއިން ވަނީ އެ ކޮޓަރި ވަރަށް ގިނަ އިރުވަންދެން ބަލައި ފާސްކޮށްފަ އެވެ. އަދި ދެ ފުލުހަކު މިހާރު ވެސް ދަނީ އެ ކޮޓަރީގެ ބޭރުގައި ފޯރިމަރަމުންނެވެ.

އެ ގެސްޓްހައުސް ހިންގަނީ ދިވެއްސަކާއި ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭތާ 30 އަހަރު ވެފައިވާ ބަންގްލަދޭޝްގެ ބަސްގަރު ހުސައިން ކިޔާ މީހެކެވެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހޯދަން ފުލުހުން ގެސްޓްހައުސް ތެރޭގައި ހިންގި އޮޕަރޭޝަންގެ މައުލޫމާތު ބަސްގަރު ވަނީ "ހުރިހާ"އަށް ކިޔައިދީފަ އެވެ.

އޭނާ ބުނިގޮތުގައި ހައްޔަރުކުރި ދެ މީހުން ތިބި ގެސްޓްހައުސްގެ ދެވަނަ ފްލޯގެ 202 ނަންބަރު ކޮޓަރިއަށް ފުލުހުން ވަނުމުގެ ކުރިން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކެއްގެ ފޮޓޯ ދެއްކި އެވެ. ފޮޓޯ ދެއްކުމަށްފަހު އެ މީހުން ތިބިތޯ ފުލުހުން ވަނީ ސުވާލުކޮށްފަ އެވެ. އަދި އެ މީހުން ކޮޓަރީގައި ތިބި ކަމަށް ބުނެ، އެ ކޮޓަރި ހުޅުވަން ކައުންޓަރުން ތަޅުދަނޑި ދިން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

"ދެން ބުނީ މި މީހާ އުޅޭހޭ. އަހަަރެން ބުނިން އުޅެއޭ. ދެން އަހަންނާއެކު ފުލުހުން ގޮސް ކޮޓަރީގައި ޓަކި ދިނީމާ ދޮރެއް ނުހުޅުވި. ދެން އަހަރެން ތިރިއަށް އައިސް ފޯނުކޮށްފައި ބުނީ އަހަރެން މިއީ މީދަ [މިވެނި] މީހެކޭ ދޮރު ހުޅުވަ ދީބަލާށޭ. ޕޮލިސް އައިސް ތިބި ވާހަކަ އަހަރެން ނުބުނަން. އެވަރުން ވެސް އެ މީހުން ނުހުޅުވި،" ފުލުހުން ގެސްޓްހައުސް އަށް ވަދެ އެންމެ ފުރަތަމަ ކަން ހިނގާދިޔަ ގޮތް ކިޔައިދެމުން ބަސްގަރު ބުންޏެވެ.

ފުލުހުން ބޭއްވި ނޫސްވެރިިންގެ ބައްދަލުވުމުގައި ކްރިމިނިލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ވެރިޔާ އަބްދުﷲ ރަޝީދު ވިދާޅުވީ އިއްޔެ ހަވީރު ހުޅުމާލެ ދެވަނަ ފޭސްގައި ކުއްޖަކަށް އަނިޔާ ދީފައިވާ ކަމުގެ މައުލޫމާތު އާންމުންގެ ފަރާތުން ލިބިފައިވާ ކަމަށެވެ. އެ ކުއްޖާއަށް އަނިޔާކޮށްފައި ވަނީ ވަނުން މަނާކޮށްފައިވާ ސަރަހައްދެއްގައި ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުއްޖާގެ މަރާ ގުޅިގެން ހިންގާ ތަހުގީގަށް ވަނީ ކުރިއެރުން ލިބިފަ އެވެ. ނަމަވެސް ތަހުގީގަށް ހުރަސް އެޅިދާނެތީ އެކަމުގެ މައުލޫމާތު ހާމަކުރަން ވަނީ ދެކޮޅު ހަދައިިފަ އެވެ. މީގެ އިތުރުން ރަޝީދު ވަނީ ކުއްޖާގެ މަރާ ގުޅިގެން އާއްމުންގެ އެހީއަށް ވެސް އެދިފަ އެވެ.

"މިހާރު ދިވެހި ފުލުހުން މިކުރާ މަސައްކަތަކީ މި މައްސަލައިގެ އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހޯދާ މައްސަލަ ޝަރީއަތަށް ފޮނުވުމަށްޓަކައި އެކުރަން ޖެހޭ ހެކި ގަރީނާ ހޯދުމުގެ މަސައްކަތް. ފުލުހުންގެ ހިދުމަތުގެ އިލްތިމާސްއަކީ މި ހާދިސާއާ ގުޅިގެން އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތަކުން ދިވެހި ފުލުހުންގެ ހިދުމަތުގެ ނަންބަރު 9911099 ނުވަތަ 3000600 ނުވަތަ 1412 އާ ގުޅުއްވައިގެން ހިއްސާކޮށްދެއްވުން،" ރަޝީދު ވިދާޅުވި އެވެ.