ކޮވިޑަށް ފަރުވާ ދިނުމަށް ވަކި ހޮސްޕިޓަލެއް ވެސް މިސަރުކާރަށް ގާއިމުނުކުރެވޭނެ ކަމަށާއި އެއީ ބަޖެޓުން އިތުރަށް ލާރި ނަގަންޖަހާ ރޮކެޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަށް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކޮވިޑަށް ހާއްސަ ކޮންގެން ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ލިޔެފައިވާ ހަބަރާއެކު މެމްބަރު ނަޝީދު ވިދާޅުވީ ވެންޓިލޭޓަރާއި ވެކްސިން ނުގެނެވުނު ބަޔަކަށް ހޮސްޕިޓަލެއް ނޭޅޭނެކަމަށާއި އަދި މިއީ އަނެއްކާވެސް ދައުލަތުގެ ބަޖެޓުން ފައިސާތަކެއް ކާލާނެ ގޮތެއް ހޯދަން ޖަހާ ރޮކެޓެއްކަމަށްވެސް ނަޝީދު ތުހުމަތުކުރެއްވި އެވެ.

މިނިސްޓަރު ނަޝީމަށް ޓެގް ކުރައްވާ މެމްބަރު ނަޝީދު ވިދާޅުވީ "ކުރިން ގެނައުމަށް ނިންމި ފުލޯޓިން ހޮސްޕިޓަލް ތައްވެސް ފުރުނީތޯ" ކަމަށެވެ.

މެމްބަރު ނަޝީދު މިހެން ވިދާޅުވީ ކޮވިޑް ބަލީގެ ކުރީގެ ކޮޅު އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ވާހަކައަށް އިސާރަތް ކުރައްވާފަ އެވެ. އަލީ ވަހީދު އޭރު ވިދާޅުވީ ކޮވިޑްގެ އެންމެ ގޯސްހާލަތަށްވެސް ރާއްޖެ ތައްޔާރުވެފައިވާ ކަމަށާއި ފްލޯޓިން ހޮސްޕިޓަލުތައްވެސް ގެނެވިގެންދާނެ ކަމަށެވެ. އަދިވެސް އެފްލޯޓިން ހޮސްޕިޓަލު ގެނެސްފައިނުވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮވިޑަށް ފަރުވާދިނުމަށް ވަނީ ފެސިލިޓީތަކެއް ހަދާފަ އެވެ. އަދި މާލެ ސަރަހައްދުގައި އިތުރު ފެސިލިޓީތައް ހެދުމުގެ މަސައްކަތް އަންނަނީ ސަރުކާރުން ކުރަމުންނެވެ.