ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީގެ ޑްރާފްޓް ރިޕޯޓް ނިންމާލައިފި އެވެ.

އިންކުއަރީގެ ޑްރާފްޓް ރިޕޯޓް އެކުލަވައިލުމުގެ މަސައްކަތް 241 ކޮމިޓީން ފެށީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ. 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ޑްރާފްޓް ރިޕޯޓު އެކުލަވައިލުމުގެ މަސައްކަތް ނިމިފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން އަސްލަމް ވިދާޅުވީ، އިންކުއަރީ ރިޕޯޓްގެ ޑްރާފްޓް ނިންމާލެވިފައިވާތީ 241 ކޮމިޓީގެ ދެން އޮންނަ ބައްދަލުވުމަށް އެ ރިޕޯޓް ހުށަހަޅުއްވާނެ ކަމަށެވެ.

މީގެ ކުރިން 241 ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވެފައިި ވަނީ، މި މަހުގެ ނިޔަލަށް އިންކުއަރީ ރިޕޯޓް ނިންމާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިއަދު އަސްލަމް ވިދާޅުވީ އިންކުއަރީ ރިޕޯޓް ކޮމިޓީން ފައިނަލް ކުރަން އަދި ހަތަރު ފަސް ދުވަސް ހޭދަވާނެ ކަމަށް ބެލެވެ އެވެ.

ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީގައި ސިފައިންގެ 32 އޮފިސަރުންނާއި ފުލުހުންގެ ފަސް ބޭފުޅަކާ ސުވާލު ކޮށްފައިވެ އެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހިމެނޭހެން ޖުމްލަ 49 ބޭފުޅަކާ ކޮމިޝަނުން ސުވާލު ކޮށްފައިވެ އެވެ. މީގެ އިތުރުން ހަމަލާއަށް ފަހު އޭޑީކޭގައި ރައީސް ނަޝީދަށް ފަރުވާ ދެއްވި ޑޮކްޓަރުންގެ ޓީމާ ވެސް ކޮމިޓީން ބައްދަލުކޮށް ސުވާލު ކޮށްފައިވެ އެވެ.