މިދިޔަ މޭމަހުގެ ހަ ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށް ފަހު އެ މަނިކުފާނު އަލުން ފޯނު ބޭނުންކުރައްވަން ފައްޓަވައިފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިއަދު ފޯނު އަލުން ބޭނުން ކުރަންފަށާފައިވާ ކަމަށެވެ. އަދި ޖަވާބު ނުދެވި 7862 ޓެކްސް މެސެޖް ވާ ކަމަށާއި ހުރިހާ މެސެޖުތައްވެސް ކިޔާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މެސެޖް ކޮށްފައިވާ ފަރާތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް ނަޝީދު ފޯނު ބޭނުން ކުރަން ފެއްޓިވެވިކަން ހާމަކުރައްވާފައި މިވަނީ އެމަނިކުފާނުގެ ހަށިކޮޅަށް އަމާޒުކޮށް ބޮމުގެ ހަމަލާދިންތާ ދެމަސް ފުރުނު ދުވަހު އެވެ. އަދި ރޭ ވަނީ "އާކްސް ސްޕީކާ"ގެ ތިން ޕްރޮގުރާމް އިނގިރޭސިވިލާތުގައި ހުންނަވައިންގެން ކުރިއަށް ގެންދިޔަ އެވެ.

މޭ ހައެއްގެ ހަމަލާއަށް ފަހު ޖަރުމަންވިލާތުގައި ފަރުވާ ހޯދެއްވުމަށް ފަހު އިތުރު ފަރުވާއަށް ރައީސް ނަޝީދު ވަނީ އިނގިރޭސިވިލާތަށް ވަޑައިގަތްފަ އެވެ.

މިހަމަލާގެ ތަހުގީގުވެސް ބާރަށް ކުރިއަށްދާ ކަމަށާއި ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ވަރަށް އަވަހަށް ފޮނުވޭނެ ކަމަށް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އަދި ފުލުހުން ބެލުމުގެ ދަށުގައި އަށް މީހަކު ތިބިކަންވެސް ރައީސް ވިދާޅުވި އެވެ. މިތަހުގީގް ކުރިއަށްދާ ގޮތް ގާތުން ބެލުމަށް ރައިސް ސޯލިހް އައްޔަން ކޮށްފައިވާ ހާއްސަ މަންދޫބުވެސް މިހާރު ހުންނެވީ ރާއްޖޭގައި އެވެ.