ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުގައި އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއިދީ، ކޮވިޑް މަދުވާން ފެށުމުން ދެ މަސް ފަހުން ކާފިއު ވެސް މާދަމާއިން ފެށިގެން އުވާލަން ނިންމައިފި އެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން ކާފިއު އިއުލާން ކުރީ މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހު އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކާފިއު އުވާލައި ކެފޭ، ރެސްޓޯރަންޓްތައް 11:30ގެ ނިޔަލަށް ހުޅުވާފައި ބެހެއްޓުމަށް ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ.

ކާފިއު ގަޑީގެ ގޮތުގައި މިހާރު ހަމަޖައްސާފައިވަނީ ރޭގަނޑު 8:00 އިން ފަތިހު 4:00 އަށެވެ.

ކޮވިޑް ފެތުރުން އިންތިހާއަށް އިތުރުވުމުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ކާފިއު ގަޑީގައި ބޭރަށް ނިކުމެވެނީ ހާއްސަ ހުއްދަ އަކާ އެކު އެވެ. ހުއްދަ ނެތި ބޭރުގައި އުޅޭ މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ވެސް ކުރަމުންދެ އެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު ހުއްދަ ނެތި ބޭރުގައި އުޅެވޭނެ އެވެ.

ކާފިއު އުވާލުމާ ގުޅިގެން އާންމު ހިދުމަތްދޭ ފިހާރާތަކާއި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން ވެސް އާންމު އުސޫލުގައި ހުޅުވައިގެން ހިދުމަތް ދޭ ގަޑީގައި ހިދުމަތް ދެވޭނެ އެވެ. އަދި ހާއްސަ ގައިޑްލައިނާ އެކު ސިނަމާތައް ވެސް ހުޅުވާލަން ވަނީ ނިންމާފަ އެވެ.

ކާފިއު އުވާލާފައި މިވަނީ ކޮވިޑް ކޭސްތައް ފެންނަ އަދަދު ވަރަށް ބޮޑަށް މަދުވާން ފެށުމުންނެވެ.