އޮޑިޓާ ޖެނެރަލްގެ މަގާމަށް ގ. އައިފާ، ހުސައިން ނިޔާޒީ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
ނިޔާޒީއަށް ރުހުން ދިނުމާ މެދު މަޖިލީހުގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން ނިޔާޒީ އަށް ރުހުން ދޭން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުންނެވެ.
ނިޔާޒީ އޮޑިޓާ ޖެނަރަލްގެ މަގާމަށް އައްޔަންކުރަން ރުހުން ހޯދުމުގެ މައްސަލަ މަޖިލީހުގެ ޖަލްސާ އަށް ހުށަހެޅީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ.
ނިޔާޒީގެ މައްސަލަ ދިރާސާ ކުރި މާލިއްޔަތު ކޮމިޓީން ވެސް ވަނީ އޭނާ އަށް ރުހުން ދޭން ފާސްކޮށްފަ އެވެ.
18 އަހަރު އޮޑިޓާ ޖެނެރަލްގެ އޮފީހުގައި ހިދުމަތް ކުރައްވާފައިވާ ނިޔާޒީއަކީ އެ އޮފީހުގެ އެކިއެކި މަގާމުތަކުގައި މަސައްކަތް ކުރެއްވި އެވެ. ފާއިތުވެދިޔަ ނުވަ އަހަރު އޭނާ ހުންނެވީ އެސިސްޓަންޓް އޮޑިޓާ ޖެނެރަލްގެ މަގާމުގަ އެވެ. އެ މުއްދަތުގައި ނިޔާޒީ ވަނީ ހަތަރު އޮޑިޓާ ޖެނެރަލުންނާ އެކު އެ މުއައްސަސާގެ ފަންނީ ގާބިލްކަން ކުރިއެރުވުމަށާއި ސްޓްރެޓިޖިކް އޮޑިޓް މެނޭޖްމަންޓް ހަރުދަނާ ކުރުމަށާއި އެކިއެކި އޮޑިޓްތަކުގައި އަމަލީ ގޮތުން އިސް ދައުރެއް އަދާކުރައްވާފަ އެވެ.
ނިޔާޒީ އަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސްގެ (ސީއައިއެމްއޭ)ގެ އެސޯސިއޭޓް މެމްބަރެކެވެ. އަދި ދިވެހިރާއްޖޭގެ އެކައުންޓަންސީ ޕްރޮފެޝަން ކުރިއަރުވާ ރެގިއުލޭޓް ކުރުމަށް ގާނޫނަކުން އެފެއްދި އިންސްޓްޓިއުޓް އޮފް ޗާޓަޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސްގެ ފެލޯ މެމްބަރެއް އަދި އެ އިންސްޓިޓިއުޓްގެ ކައުންސިލް މެމްބަރެކެވެ. ދިވެހި ރާއްޖޭގެ ޕްރައިވެޓް ސެކްޓާ އެކައުންޓަންސީ އަދި އޮޑިޓް ޕްރޮފެޝަން ތަރައްގީކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި ވެސް ނިޔާޒީ އަކީ މުހިއްމު ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ.
އޮޑިޓާ ޖެނަރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒިޔަތުގެ ނަން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓްގައި ހިމެނުމާ ގުޅިގެން ޒިޔަތު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.