ކުރީގެ ސަރުކާރުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކުރި ހިޔާ ފްލެޓް ލިބުނު ފަރާތްތަކާއެކު އެޗްޑީސީން މިއަދު އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރަން ފަށާފައި. އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދަނީ ހުރަވީ ސްކޫލުގައި. އެޗްޑީސީން ކޮންމެ ދުވަހަކު ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކުންގެ މައުލޫމާތު އާންމުކުރާނެ. މިއަދު 118 ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރެވޭނެ. އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހިޔާ ފްލެޓް އެއްބަސްވުމުގެ ސޮއިކުރުން ކުރިއަށްދާނެ.

ކުރީގެ ސަރުކާރުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީ ކުރި ހިޔާ ފުލެޓްތަކަށް ހޮވިފައިވާ ފަރާތްތަކާއިއެކު ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރުން މިއަދު ފަށާއިރު، މިއަދު އެކަނި 118 ފަރާތްތަކާއެކު ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފި އެވެ.

އެޗްޑީސީއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހިޔާ ފްލެޓު ލިބުނު ފަރާތްތަކާއެކު މިއަދު ސޮއިކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އެގޮތުން އެކުންފުނިން ވަނީ މިއަދު ހެނދުނު ފެށިގެން ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ ތާވަލަކާއި ސޮއިކުރުމަށް ހަމަޖެހިފައިވާ މީހުންގެ ވަގުތު ހިމެނޭ ލިސްޓެއް އާންމު ކޮށްފަ އެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް ތާވަލު ކުރެވިފައިވަނީ އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން ބޭނުންވާ މައުލޫމާތު، ފޯމު ނަންބަރު: HF1 (ފުލެޓު ލިބިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ފޯމު) އަދި ފޯމު ނަންބަރު: HF2 (ފުލެޓުގެ ވެރިފަރާތުގެ ބަދަލުގައި އެއްބަސްވުމުގެ ޒިންމާ އަދާކުރާނެ ފަރާތް ހަމަޖެއްސުން) ފުރިހަމަކޮށް، އެޗްޑީސީއަށް ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ސޮއިކުރުމުގެ ކަންތައްތައް ފަސޭހަކޮށް ކުރިއަށް ގެންދިއުމުގެ ގޮތުން ލިސްޓްގައިވާ ގޮތަށް އެފަރާތަކަށް ކަނޑައެޅިފައިވާ ވަގުތަށް ހާޒިރުވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެޗްޑީސީން އެދެ އެވެ. އަދި ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ހުރަވީ ސްކޫލުގަ އެވެ. އެޗްޑީސީއިން ބުނީ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ފްލެޓް ލިބުނު ފަރާތްތައް ދަޅުތަނޑި ހަވާލު ކުރާނެ ކަމަށާއި އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ފަރާތްތަކާއެކު ސޮއިކޮށް ނިންމާލެވޭނެ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  1. ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތުގެ އިތުރުން ހެކިވެރިއަކު ގެންނަންވާނެ، އަދި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފުކޮޕީއެއް ގެންނަން ވާނެ.
  2. ވެރިފަރާތުގެ ބަދަލުގައި ސޮއިކުރަން "ޕަވާ އޮފް އެޓާނީ" އެހެން ފަރާތަކަށް ދެވިފައިވާނަމަ، އެފަރާތުގެ އިތުރުން ހެކިވެރިއަކާއިއެކު ހާޒިރުވުން.
  3. ފްލެޓުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާއިރު، ކޮވިޑްގެ ހާލަތާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ގަލަން (ދެލި ނުފޭދޭ، ނޫކުލައިގެ) އަދި އިނގިލީގެ ނިޝާން ޖަހަން ބޭނުން ކުރާ "އިންކް ޕެޑް" އަމިއްލައަށް ގެންދިއުމަށް އެޗްޑީސީން އެދޭ.
  4. ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ގިނަފަރާތްތަކަކަށް ތާވަލު ކުރެވިފައިވާތީ، އެއްބަސްވުން ސޮއިކުރުމަށް ހަމަޖެހިފައިވާ ހޯލަށް ވަނުމަށާއި ފުލެޓާއި ހަވާލުވުމަށް ފުރުޞަތު ދެވޭނީ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކުގެ އިތުރުން ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތަށް އެކަނި.

މިއަދު ސޮއި ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ހިޔާ ފްލެޓް ފިނިޝިން މަސައްކަތް ނިމުމަށް ސަރުކާރުން ދީފައިވާ މުއްދަތަކީ ތިން މަސް ދުވަހެ އެވެ.