މޯލްޑިވްސް ކަސްޓަމްސްއާއި އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސެސް އެންޑް ކަސްޓަމްސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އެވެ. އަދި އިންޑިއާގެ ސީބީއައިސީގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ޗެއާމަން އެމް އަޖިތް ކުމާރް އެވެ.

މޯލްޑިވްސް ކަސްޓަމްސްއިން ބުނީ މި އެއްވަސްވުމުގެ ސަބަބުން ރާއްޖެއަށް މުދާ އެތެރެކުރުމުގެ ކުރި އޭގެ މައުލޫމާތު ކަސްޓަމަސްއަށް ލިބި މުދާ ކްލިއާކުރުމަށް ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

މި އެއްބަސްވުމާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ މި އެމްއޯޔޫގެ ދަށުން އެކްސްޕޯޓްގެ ވަގުތު ސަބްމިޓް ކުރެވޭ ކަސްޓަމްސް ޑޮކިއުމެންޓްތަކުގައިވާ މައުލޫމާތު މުދާ ޕޯޓާ ހަމައަށް އައުމުގެ ކުރިން ބަދަލު ކުރެވޭނެ ފްރޭމްވޯކެއް ފޯރުކޮށްދެވޭނެ ކަމަށެވެ. އޭގެ ސަބަބުން ކަސްޓަމްސް ޕްރޮސީޖާތަކުގައި ހޭދަވާ ވަގުތު ކުޑަ ކުރެވި، މުދަލުގެ ކަސްޓަމްސް ކޮންޓްރޯލް މެތަޑް ތަކާއި ފޯމްތައް އޮޕްޓިމައިޒް ކުރެވޭނެ ކަމަށް ބަޔާނުގައިވެ އެވެ.

ކަސްޓަމްސް އިން ބުނިގޮތުގައި މި އެމްއޯޔޫގެ ދަށުން ޑޭޓާ އެކްސްޗޭންޖް ކުރުމުގައި ދެފަރާތުގެ ކޯޕަރޭޝަން އިތުރުވުމުގެ ސަބަބުން ދެ ފަރާތުގެ ކަސްޓަމްސް އެޑްމިނިސްޓްރޭޝަން މަރުހަލާތަކުގެ އެފިޝެންސީ އިތުރުވެ، ވިޔަފާރި ކުރުމަށާއި، ސަޕްލައި ޗެއިން އަދި ރެވެނިއު ކަލެކްޝަންގެ ސެކިއުރިޓީ ވަރުގަދަވުން ފަދަ އެތައް ފައިދާއެއް ލިބިގެންދާނެ އެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އަދި ބޮޑު ވަޒީރު ނަރޭންދްރަ މޯދީގެ ވެރިކަމާއި އިސްނެންގެވުމުގެ ދަށުން އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައިވާ ބައިލެޓަރަލް ގުޅުން ބަދަހިވެ، ދެގައުމުގެ މެދުގައިވާ ވިޔަފާރި އަދި ކޮމާޝަލް ގުޅުން ވަނީ ވަރަށް ވެސް ބޮޑަށް ވަރުގަދަ ވެފަ އެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއާއެކު ތަފާތު އެކި ދާއިރާތަކުން ގިނަ އެއްބަސްވުންތަކެއް އަންނަނީ ހަދަމުންނެވެ.

ރާއްޖޭގައި އިންޑިއާއިން ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ދިވެހި ސަރުކާރުން ހާމަނުކުރަނީސް އިންޑިއާ ހައި ކޮމިޝަނުން އެ މައުލޫމާތު މީޑިއާތަކަށް ފޮނުއްވާކަން ފާހަގަ ކޮށްލެވެ އެވެ.