ނަޖްރާން (25 ޖުލައި) - ސައޫދީ އަރަބިޔާގެ ނަޖުރާން އޭ ކިޔުނު ސަރަހައްދުގައިވާ ހިމާ ފަރުބަދަތައް ޔުނެސްކޯ ދުނިޔޭގެ ހެރިޓޭޖު ލިސްޓުން ޖާގަ ހޯދައިފި އެވެ.

މި ފަރުބަދަތަކަކީ މީގެ އެތައް ހާސް ގަރުނެއްގެ ކުރިން އެ ގައުމުގެ ކާބަފައިން ދަތުރުކޮށް އުޅުމުގައި ހިލަތަކުގައި ކުރަހާފައިވާ ފަރުބަދަތަކެކެވެ.

މިއީ ޔުނެސްކޯގެ ހެރިޓޭޖު ލިސްޓަށް އިތުރު ކުރެވުނު ސައޫދީ އަރަބިޔާގެ ހަ ވަނަ ސައިޓަށް ވީއިރު، މިއީ އެ ގައުމުގެ ސަގާފަތާއި ތާރީހަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެކެވެ.

"ދުނިޔޭގެ ހެރިޓޭޖު ސައިޓެއްގެ ގޮތުގައި ހިމާ ފަރުބަދަތައް ބަލައިގަތުމަކީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު އުފަލެއް،" ޔުނެސްކޯގެ ހެރިޓޭޖު ކޮމިޝަންގެ ސީއީއޯ ޑރ. ޖާސިރު އަލް ހަރުބިޝް ވިދާޅުވި އެވެ.

ސަގާފަތާއި ތާރީހް ރައްކާތެރިކުރުމަކީ 2030 ވަނަ އަހަރަށް ސައޫދީ ސަރުކާރުން ތައްޔާރު ކޮށްފައިވާ ބޮޑު މަންޒަރުގެ ވަރަށް މުހިއްމު ހިއްސާއެކެވެ.

ހިމާ ފަރުބަދަތަކުގެ ސަރަހައްދަކީ މީގެ ކުރިން ވިޔަފާރި ވަފުދުތަކާއި އަސްކަރިއްޔާތަކުގެ އިތުރުން ހައްޖާޖީން ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ދަތުރުކުރި މަގަކަށްވީއިރު، އެ ފަރުބަދަތަކުގައި ތަފާތު އެކި ކުރެހުންތަކެއް ކުރަހާފައިވެ އެވެ. މީގެ އިތުރުން އެ ސަރަހައްދުގައި 3،000 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ފެންވަޅެއް ހުންނައިރު އެ ފެންވަޅުން އަދިވެސް ތާޒާފެން ލިބޭ ކަމަށްވެ އެވެ.

މިއީ ސައޫދީ އަރަބިޔާގެ ތާރީހަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވަމުން މިނިސްޓާ އޮފް ކަލްޗާ ވަލީ އަހުދު ބަދުރު ބިން އަބުދުﷲ ބިން ފަރުހާން ވިދާޅުވީ އެ ސަރަހައްދު އިތުރަށް ރައްކާތެރިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ އެ ސަރަހައްދު ޔުނެސްކޯގެ ލިސްޓަށް އިތުރު ކުރުމުގައި އަވަށްޓެރި ގައުމުތަކުން ލިބުނު އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.