ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ތިން ހަފްތާ ވެފައިވާ މީހުންނަށް މާދަމާ އެ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ނިންމައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަމުންގެންދާނެ ކަމަށާއި، ވެކްސިން ޖަހަމުން ގެންދާނީ ސެނަހިޔާ ވެކްސިން ސެންޓަރުގައި ކަމަށެވެ.

ވެކްސިން ޖަހައިދޭނީ ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހިތާ ތިން ހަފުތާ ވެފައިވާ މީހުންނަށް ކަމަށް އެޗްޕީއޭއިން ހާމަކުރެ އެވެ.

މާލެ ސަރަހައްދުގައި މިހާރު ވެކްސިން ޖަހަމުން ގެންދަނީ އެޕޮއިންޓްމެންޓް އުސޫލުންނެވެ.

ޗައިނާގެ ސޮނޯފާމް ވެކްސިން ރާއްޖެ ގެނެސް ޖަހަން ފަށާފައިވަނީ މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު އެވެ. ޗައިނާއިން ވަނީ ސިނޯފާމްގެ 200،000 ޑޯޒް ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. އަދި އިތުރު 300،000 ޑޯޒް ހަދިޔާ ކުރަން މިހާރު ވަނީ ނިންމާފަ އެވެ.

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ޖެހި ކޮވިޑް ވެކްސިންގެ ތެރޭގައި ސިނޯފާމް ހިމެނެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިއްޔެއާ ހަމައަށް ރާއްޖެއިން ޖުމްލަ 321،350 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ. އަދި ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 260،991 އަށް އަރާފަ އެވެ.

ރާއްޖޭގައި މިވަގުތު ޖަހަމުން ގެންދަނީ ސިނޮފާމް ވެކްސިން އާއި ކޮވިޝީލްޑް ވެކްސިނެވެ. އަދި ހާއްސަ ހާލަތްތަކުގައި ފައިޒާ ވެކްސިން ވެސް ޖަހައެވެ.