ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަ ކުރުމަށް ދައުލަތުގެ ހުރިހާ މުވުއްޒަފުން ފުރިހަމަ ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފި އެވެ.

އެޗްޕީއޭއިން މިގޮތަށް އެންގެވީ މިއަދު ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ފޮނުއްވި ސާކިއުލާއެއްގަ އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، ނެރުއްވި ސާކިއުލާއެއްގައި ސަރުކާރު އޮފީސްތަކާއި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރަނީ ވެކްސިން ޖަހާފައިވާ މުވައްޒަފުންކަމަށް ހެދުމަށް ވަނީ އެދިފަ އެވެ.

ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ފުރިހަމަކުރެވޭ ވަރަށް ވެކްސިން ލިބިފައިވާތީ އެފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށްވެސް އެސާކިއުލާގައި ވަނީ އެދިފަ އެވެ.

މިމަސް ނިމުމުގެ ކުރިން އާބާދީގެ 90 އިންސައްތައަށް ވެކްސިންގެ ދެ ޑޯޒު ދިނުމަށް އަމާޒުކޮށް ސަރުކާރުން މިހާރު ވަނީ ކެމްޕެއިނެއް ފަށައިފަ އެވެ. އެ ކެމްޕެއިނަށް އެއްބާރުލުންދީ ވެކްސިން ޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން އަންނަ އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު ސުކޫލުތަކަށް ވަދެވޭނީ ވެކްސިނުގެ ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެވަނީ ބުނެފަ އެވެ.

އަދި ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ސަރުކާރުގެ އޮފީސްތަކުން ހިދުމަތް ދިނުމުގައި ލުއިތަކެއް ދިނުމުގެ މަޝްވަރާ ފަށައިފައިވާ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.