މީގެ ހަ އަހަރު ކުރިން އަރްކަންސަސްގެ ނަމަކަށް ކިޔާ ކޯރަކަށް ގެއްލުނު ހައި ސްކޫލްގެ އަނގޮޓިއެއް އޭގެ ހަ އަހަރު ފަހުން ހަމަ އެ ކޯރުން ފެނިއްޖެ އެވެ.

މި އަނގޮޓީގެ ވެރިފަރާތް ކަމަށްވާ ސިއެރާ ވެލްޓާ ބުނިގޮތުގައި ވޮޝިންގްޓަންގައި ހުންނަ އޯކް ހާބާ ހައި ސްކޫލުން ދަސްވެނިވުމަށްފަހު މާގިނަ ދުވަހެއް ނުވެ އޭނާ އާރްކަންސަސް އަށް ދިރިއުޅުން ބަދަލުކުރި އެވެ. އަދި އޭގެ ފަހުން 2014 ވަނަ އަހަރު ރައްޓެހިންތަކަކާ އެކު ޑާޑެނަލްކިޔާ ކޯރަށް ފަތަން އެރި އުޅެނިކޮށް ހައިސްކޫލްގެ ކްލާސް އަނގޮޓި ވަނީ ގެއްލިފަ އެވެ.

"އަހަރެން އެރޭ ވަރަށް ރުއިން. އަހަރެން ހުރީ ހަދާނެ ގޮތް ހުސްވެފައި،" ކިންގް ޓީވީ އަށް މައުލޫމާތު ދެމުން ސިއެރާ ބުންޏެވެ.

ސިއެރާ ހުރި އެ އަނގޮޓި އަލުން ފެންނާނެ ކަމުގެ އުންމީދު އެއްކޮށް ކަނޑާލައިގެންނެވެ. އެހެން ހުއްޓާ މި އަނގޮޓި ފެނިފައިވަނީ ޓޮމް ވިލިއަމްސަން ކިޔާ މީހަކަށެވެ. އޭނާ އަށް މި އަނގޮޓި ފެނުނީ މެޓަލް ޑިޓެކްޓާއެއް ހިފައިގެން އެ ކޯރަށް އެރިގެން އުޅެނިކޮށެވެ.

ޓޮމް އަކީ އާންމުކޮށް އޭނާގެ މެޓަލް ޑިޓެކްޓާ ހިފައިގެން ކޯރަށް އެރި އުޅޭ މީހެކެވެ. އޭނާ ބުނި ގޮތުގައި މިހާތަނަށް ކޯރެއްގެ ތެރެއިން އޭނާ އަށް ފެނުނު އެންމެ އަގުބޮޑު އެއްޗަކީ ރަން ދަތްޕިލައެއް ކަމަށެވެ.

މި އަނގޮޓި ފެނުމުން އެ އަނގޮޓި ނަގާ ސާފުކުރި އިރު ސިއެރާގެ ނަން އޮތުމުން އެ ވަރިފަރާތް ހޯދުމަށް ކުރި މަސައްކަތުން އެންމެ ފަހުން ޓޮމް އަށް ސިއެރާއާއި ދިމާވީ ފޭސްބުކުންނެވެ.

އުފަލުން ފޮޅިފައިހުރި ސިއެރާ ބުނި ގޮތުގައި އޭނާއަށް މިއީ ހަނދާނުން ފުރިގެންވާ އަނގޮޓިއެއް ކަމަށެވެ. އަދި މިއީ އޭނާގެ މަންމަ ދިން އަނގޮޓިއަކަށް ވުމުން އޭގެ މުހިއްމުކަން އޭނާއަށް ވަރަށް ބޮޑު ކަމަށެވެ.

"މަންމަ މިހާރު ދުނިޔޭގައި ނެތް، މިއީ އަހަރެންގެ އަތުގައި ހުރި މަންމަގެ މަދު އެއްޗެހިތަކުގެ ތެރެއިން އެކަތި،" ސިއެރާ ބުންޏެވެ.

އޭނާ ވަނީ މި އަނގޮޓި އޭނާ އަތަށް ފޮރުކޮށްދިނުމަށް އެހީތެރިވި ހުރިހާ ފަރާތަކަށް، ހާއްސަކޮށް ޓޮމްއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.