އަންނަ ސެޕްޓެމްބަރު 1ގެ ކުރިން އެންމެން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ޖެހޭ ގޮތަށް ހަމަޖައްސައި، ވެކްސިން ނުޖަހާ ނަމަ ބައެއް ހިދުމަތްތައް ނުލިބޭ ގޮތަށް ހެދުމަށް އެކި ދާއިރާތަކުގެ އިސް ބޭފުޅުން ހިމެނޭ ކޮވިޑް ޓްސްކްފޯސްގައި މަޝްވަރާކޮށްފި އެވެ.
އެ ޓާސްކްފޯސްގައި ހިމެނިވަޑައިގަންނަވާ އޮފިޝަލަކު "ހުރިހާ"އާ ވާހަކަދައްކަވަމުން މިރޭ ވިދާޅުވީ މިދިޔަ ހަފުތާގައި އެ ޓީމުން މަޝްވަރާކުރުމަށްފަހު ނިންމީ ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ވެކްސިން ޖަހަން ޖެހޭ އުމުރުފުރައިގެ އެންމެން އަންނަ ސެޕްޓެމްބަރު 1ގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާ ނިންމުމަށް ކަމަށެވެ.
"މީގެ އިތުރުން މަޝްވަރާކުރެވުނު ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންގެ ތެރެއިން ވެކްސިން ނުޖަހާ މީހުން ހަފުތާއަކު އެއް ދުވަހު ޕީސީއާރު ނެގެޓިވް ޓެސްޓްގެ ނަތީޖާ ހުށަހަޅަން. އަދި އެ ޓެސްޓް ހަދަން ޖެހޭ އަމިއްލަ ހަރަދުގައި ކަމަށް ވެސް،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ ވެކްސިން ނުޖަހާ މީހުންނަށް ޑޮމެސްޓިކް ދަތުރުނުކުރެވޭ ގޮތް ހެދުމަށާއި ރެސްޓޯރަންޓްތަކުގައި ތިބެގެން ހިދުމަތް ނުދޭ ގޮތަށް ހެދުމަށް ވެސް މަޝްވަރާކުރެވުނު ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ހުށަހެޅުމެއް އަދި ފާސް ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު ހަމައެކަނި ވެކްސިން ނުޖަހާ މީހުންނަށް ނުދެވޭނެ ހިދުމަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރީ. އަޅުގަނޑުމެން މިބަލާނީ ވީހާވެސް ގިނަ ބަޔަކަށް ވެކްސިން ޖަހައިދޭން،" އެ އޮފިޝަލް ވިދާޅުވި އެވެ.
ކޮވިޑުން ދިފާއުވުމަށް ވެކްސިން ނުޖަހާ ފަރާތްތަކުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރިލީޒް ސާމްޕަލްއަށް ފައިސާ ދައްކަންޖެހޭ ގޮތަށް ވެސް ސަރުކާރުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
ވެކްސިން ނުޖަހާ ފަރާތްތަކުން ކަރަންޓީންވުމަށްފަހު އަމިއްލަ ޚަރަދުގައި ޕީސީއާރު ޓެސްޓް ހަދަންޖެހޭ ގޮތަށް ނިންމާފައިވާއިރު، އާބާދީގެ ނިސްބަތުން ވަކި ވަރަކަށް ވެކްސިން ފުރިހަމަކޮށްފައިވާ ރަށްތަކުން ދަތުރުކުރާ ނަމަ އިތުރު ލުއިތަކެއް ވެސް ދިނުމަށް އެޗްއީއޯސީން ވަނީ ނިންމަވާފަ އެވެ.
އެގޮތުން ފަސް ޕަސެންޓަށްވުރެ ޕޮޒިޓިވިޓީ ދަށް ރަށްރަށުން ވެކްސިން ޖަހާފައި ތިބި މީހުން ދަތުރުކުރުމުގެ ކުރިން މިހާރު ހަދަން ޖެހޭ ޕީސީއާރް ޓެސްޓު އެކެއް ސެޕްޓެމްބަރުން ފެށިގެން ހަދާކަށް ނުޖެހޭނެ އެވެ. މި ލުއި ދޭން ނިންމާފައި ވަނީ 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް މީހުންނާއި، އެ ރަށެއްގެ 60 އަހަރުން މަތީގެ 95 ޕަސެންޓް މީހުން އަދި ގެސްޓް ހައުސް ވިޔަފާރިކުރާ ރަށެއް ނަމަ އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ 95 ޕަސެންޓް މީހުން ވެކްސިން ކަވަރޭޖް ފުރިހަމަކޮށްފައިވާ ރަށްރަށުން ދަތުރުކުރާ ފަރާތްތަކަށެވެ.