ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ގާއިމްކުރި ހިޔާ ފްލެޓްގެ ކުލި މި ސަރުކާރުން ބޮޑުކޮށްފައިވާތީ، ކުލި ކުޑަކުރުމަށް ގޮވާލައި ފްލެޓް ލިބުނު ފަރާތްތަކުން މުޒާހަރާކޮށްފި އެވެ.

"ހިޔާ ޔޫނިއަން" އިން އިންތިޒާމްކޮށްގެން ބޭއްވި މުޒާހަރާ ކުރިއަށް ގެންދިޔައީ ހިޔާ ފްލެޓްތައް ސަރަހައްދުގައި ހަމަހިމޭން ކަމާއެކުއެވެ.

މުޒާހަރާގެ ބައިވެރިން ބުނީ ފްލެޓަކަށް މަހަކު ދައްކަން ސަރުކާރުން ކަނޑައަޅާފައިވާ 7،500 ރުފިޔާ ގެ ކުއްޔާއި ސާވިސް ފީގެ ގޮތުގައި މަހަކު ދައްކަން ޖެހޭ 1،000 ރުފިޔާ އަކީ ފްލެޓް ލިބުނު މީހުންގެ އާއިލާގެ އާމްދަނީއާ ނުބައްދަލު ވަރެއް ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ޑިމާންޑް ކުރީ ފްލެޓްގެ ކުލި 5000 ރުފިޔާއަށް ކުޑަކޮށްދިނުމަށެވެ. އަދި ސާވިސް ފީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ 600 ރުފިޔާއަށް ކުޑަކޮށްދިނުމަށް ވެސް މުޒާހަރާގެ ބައިވެރިން ޑިމާންޑްކޮށްފައިވެ އެވެ.

މުޒާހަރާގެ ބައިވެރިއަކު ބުނީ މިއީ އަދި ފެށުމެއް ކަމަށާއި ކުލީގެ މައްސަލާގައި ކުރަމުން އަންނަ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްގެންދާނެ ކަމަށެވެ.

މި ސަރުކާރު ވެރިކަމަށް އައިސް ހިޔާ ފްލެޓްގެ ކުލީގެ އަގުބޮޑުކުރިއިރު، އެތަނުގެ ފިނިޝިން މަސައްކަތް ވެސް ކުރަންޖެހިފައި ވަނީ ލޯނު ނަގައިގެންނެވެ. އެއީ އާދައިގެ ރައްޔިތުންނަށް އެފޯޑް ކުރެވޭވަރުގެ ކަމެއް ނޫނެވެ.