ރާއްޖެއިން މިއަދު އިތުރު 152 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެފަހު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި 152 މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 29 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 83 މީހަކު ހިމެނެ އެވެ. އަދި ރިސޯޓްތަކުން 40 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 79،289 އަށް އަރާފަ އެވެ. މި ބައްޔަށް މިވަގުތު ފަރުވާ ހޯދަމުން ދަނީ 1،682 މީހުންނެވެ. މީގެތެރެއިން އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 17 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައި ވަނީ 96 މީހުނެވެ. މިއާއެކު މި ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 77،373 އަށް އަރާފަ އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 5،660 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފަ އެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ ނިޔާވެފަ އެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅު ތަކަށް ލުއިތަކެއް ދީފައިވީ ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު އެއްވަރެއްގައި ހުރިކަން ފާހަގަ ކޮށްލެވެ އެވެ.