ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކާ ހިސާބަށް މިހާރު ވަދެވޭ ގޮތަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ހުޅުވާލައިފި އެވެ.

އެޗްޑީސީން ބުނީ މިއަދުން ފެށިގެން ފްލެޓުތަކާ ހިސާބަށް އާއްމުންނަށް ވަދެވޭ ގޮތަށް ހުޅުވާލާފައިވާ ކަމަށާއި މި ސަހަރައްދުގައި މިހާރު ވަދެވޭ ހިސާބުގެ ޗާޓެއް ވަރަށް އަވަހަށް އާއްމުކުރާނެ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް މީގެ ކުރިން އާންމުންނަށް ވަދެވޭނީ ނިރޮޅުމަގު އެންމެ އިރުމަތީ ބްރިޖުން ވަދެގެން އަމިއްލަ ގެތަކުގައި މީހުން ދިރިއުޅޭ ހިސާބަށް އެކަންޏެވެ. އަދި ހިޔާ ފްލެޓްތަކާ ހިސާބަށް ދެވެނީ އެޗްޑީސީގެ ހުއްދައެއް ހޯދައިގެންނެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް އާންމުންނަށް ވަދެވޭ ގޮތަށް އެންމެ ފުރަތަމަ ހުޅުވާލީ، މިދިޔަ އަހަރު އޮކްޓޫބަރު އެއްވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެންމެ އިރުމަތީ ސަރަހައްދުގައި އަމިއްލަ މީހުން އަޅާފައިވާ ބައެއް ގެތަކުގައި މީހުން ދިރިއުޅެއް ފެށުމާ ގުޅިގެންނެވެ.

ފްލެޓްތަކަށް ކަރަންޓު ދީ، އެ ތަންތަން ލިބުނު މީހުންނާ ތަން ހަވާލުކުރުން ކުރިއަށްދާއިރު މިހާރު އިތުރު ހުއްދަ އަކާ ނުލައި އެންމެނަށް ވެސް ހުޅުމާލޭގެ ދެވަމަ ފިޔަވައްސަށް ވަދެވޭނެ އެވެ.

ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މިއަދު ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން ވަނީ ފަށާފަ އެވެ.