ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކަށް މިއަދުން ފެށިގެން ދާއިމީ ކަރަންޓު ލިބޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ވަނީ ހިޔާ ޓަވަރުތަކުގެ ތެރެއިން H15 އަދި H16 ވަނަ ޓަވަރަށް މިއަދުން ފެށިގެން ދާއިމީ ކަރަންޓުގެ ޚިދުމަތް ދޭނެ ކަމަށެވެ. އަދި ބާކީ ހުރި ޓަވަރުތަކަށް ދާއިމީ ކަރަންޓުގެ ޙިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި އިތުރު މައްސަލައެއް ދިމާނުވާނަމަ، މާދަމާއަށް އެ ޓަވަރުތަކަށް ވެސް ދާއިމީ ކަރަންޓު ދެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން އިތުރަށް ބުނީ ހިޔާ ފްލެޓަށް ގިނަ ފަރާތްތަކުން ބަދަލުވުމުގެ އަމަލީ މަސައްކަތް ފަށާއިރު، މިކަމަށް ބޭނުންވާ ތަކެތި އުފުލުމަށް ޓަވަރުތަކުގައި ހަރުކޮށްފައިވާ ލިފްޓުތަކުގެ ތެރެއިން، 16 އެޕާޓްމަންޓްގެ ޓަވަރެއްގައިވާ ތިން ލިފްޓުން ދެ ލިފްޓް އަދި 20 އެޕާޓްމަންޓްގެ ޓަވަރެއްގައިވާ ހަތަރު ލިފްޓުން ތިން ލިފްޓް ބޭނުންކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ވެސް، އެ ކުންފުނީގެ މުވައްޒަފުން ޓަވަރުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލައި، މިކަމާ ގުޅޭ އިރުޝާދު ދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި މިމަސައްކަތަކީ ގިނަ ބައެއްގެ މަސްލަހަތާއި ގުޅިފައިވާ ކަމަކަށްވާތީވެ، ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނީ ފުލެޓް ލިބިފައިވާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ކަމަށް ވެސް އެޗްޑީސީން ބުނެފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ހިޔާ ފްލެޓަށް ކަރަންޓް ފޯރުކޮށްދޭ ސްޓެލްކޯއިން ބުނީ ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން މިއަދު ފަށާފައިވާއިރު ދުވާލަކު ދެ ޓަވަރަށް ކަރަންޓު ދޭން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00ން ހަވީރު 5:00 އަށް ކުރިޔަށްދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މިއަދު ކަރަންޓް ދިނުމަށް ހަމަޖެހިގައިވާ H15 އަދި H16 ދެ ޓަވަރުން ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް ސްޓެލްކޯއިން އެސްއެމްއެސްއެއް ފޮނުވާނެ ކަމަށާއި އެސްއެމްއެސް ލިބުމުން ކަރަންޓުލުމަށް ސްޓެލްކޯއާއެކު ސޮއިކޮށްފައިވާ ފަރާތްތަކުން ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާއެކު، އެ ޓަވަރަކަށް ދިއުމުން އެ ފްލެޓަކަށް ކަރަންޓު ދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް ލިބި ހާޒިރު ނުވެވިއްޖެ ކަމަށްވާ ނަމަ، އެ ފަރާތަކަށް ދެން އެ ފުރުސަތު ދެވިގެންދާނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓުދީ ނިމުމުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އެހެން ކަމުން ކޮންމެ ދުވަހަކު ވެސް ކަރަންޓު ދެވޭ ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަށް އެ ދުވަހަކު ހާޒިރުވުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮސްފަ އެވެ. ކޮންމެ ދުވަހަކު ވެސް ޖެހިގެން އަންނަ ދުވަހު ކަރަންޓު ދެވިގެންދާނެ ދެ ޓަވަރު އެ ކުންފުނީގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނާއި ހިއްސާކުރަމުން ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 7،000 ހައުސިން ޔުނިޓުގެ ގޮތުގައި ހިޔާ މަޝްރޫއުގެ މަސައްކަތް ފެށި ނަމަވެސް ކޮމާޝަލް ބޭނުންތަކަށް ޓަވަރުތަކުން ފްލޯ ސްޕޭސް ކަނޑައެޅުމަށްފަހު ޔުނިޓްތަކުގެ އަދަދު ފަހުން ވަނީ 6،720 ބަދަލުކޮށްފަ އެވެ. ހިޔާ ފްލެޓްތަކަށް ކުލީގެގޮތުގައި 7،500 ރުފިޔާ އަދި މެއިންޓެނެންސް ފީގެ ގޮތުގައި 1،000 ރ. އާއެކު ޖުމްލަ 8،500 ރުފިޔާ ކޮންމެ މަހަކު ދައްކަންޖެހެ އެވެ.

ހިޔާ ފްލެޓާ ގުޅިގެން ގިނަ ޝަކުވާތަކެއް އެފްލެޓް ލިބުނު ފަރާތްތަކު ސަރުކާރަށް ހުށަހަޅާފައި ވީނަމަވެސް މިއަދާ ހަމައަށް އައިރު އެކަމަށް ދާއިމީ ހައްލެއް ސަރުކާރުން ހޯދައިދީފައެއް ނުވެ އެވެ.