ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ރާއްޖެއިން ފުރިހަމަ ކުރި މީހުންގެ އަދަދު 300،000 އިން މައްޗަށް އަރައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު، ވެކްސިންގެ ދެވަނަ ޑޯޒް އަލަށް 476 މީހުން ވަނީ ޖަހާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ދެވަނަ ޑޯޒް ޖެހި 261 މީހުންނާއި، ރަށްރަށުން ދެވަނަ ޑޯޒް ޖެހި 215 މީހުންނެވެ. މިއާއެކު ރާއްޖެއިން ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 300،064 އަށް އަރާފަ އެވެ.

ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖެހުމަށް ސަރުކާރުން ދަނީ ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެކްސިންގެ ބޮޑު ކެމްޕޭނެއް ފަށަފައިވާއިރު އުއްމީދަކީ އަންނަ މަސް ފެށުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖަހާ ނިންމުން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

މީގެ އިތުރުން، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ކުދިންގެ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ދަނީ ކުރިއަށެވެ. އަދި އިއްޔެގެ ނިޔަލަށް ވެކްސިން ޖެހޭ 12 އަހަރާ 17 އަހަރާ ދެމެދުގެ ދަރިވަރުންގެ ތެރެއިން މާލޭގައި ތައުލީމު ހާސިލުކުރާ ހުރިހާ ދަރިވަރުންނަށް ވެކްސިން ޖަހާ ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ކޮވިޑް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު ހާމަކުރައްވައި ސަރުކާރުން ވަނީ ރާއްޖޭގެ 18 އަހަރުން މަތީގެ އާބާދީގެ 84 ޕަސެންޓް އަދި 12 އަހަރުން މަތީގެ އާބާދީގެ 81 ޕަސެންޓް ވެކްސިންގެ ޑޯޒެއް ޖަހާފައިވާކަން ހާމަކޮށްފަ އެވެ.

މީގެ އިތުރުން އެއްވެސް ވެކްސިން ޖަހާފައި ނުވާ 60 އަހަރުން މަތީގެ މީހުންނަށް ފައިޒާ ވެކްސިން ޖެހުމަށް ވެސް އެޗްޕީއޭއިން ވަނީ އިއްޔެ ނިންމާފަ އެވެ.

އެޗްޕީއޭއިން ބުނީ އެއްވެސް ވެކްސިނެއް ނުޖަހާ ތިބި އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހާނީ އެޗްޕީއޭގެ ވެކްސިން ޕޯޓަލް މެދުވެރިކޮށް އެޕްއިންޓްމަންޓް ހައްދައިގެން ކަމަށެވެ.