ރާއްޖެ އިން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެ، އެ ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 36 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 ޖެހިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެނިކޮށް މިއަދު ހެނދުނު ހަތެއް ޖަހާކަން ހާއިރު، މަރުވެފައި ވަނީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މިއީ ރާއްޖެ އިން ކޮވިޑް-19 ޖެހިގެން މަރުވި 36 ވަނަ މީހާ އެވެ.
ރާއްޖެ އިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ނިޔާވެފައިވަނީ 29 ދިވެހިންނާއި ހަތް ބިދޭސީއެކެވެ. މިދިޔަ މަހު އެކަނި ވެސް ރާއްޖެއިން މި ބަލީގައި ހަ މީހަކު ނިޔާވި އިރު، މި މަހުގެ މިހާތަނަށް ބަލި ޖެހިގެން ނިޔާވެފައި ވަނީ އެންމެ ދެ މީހުންނެވެ.
ރާއްޖެ އިން މިހާތަނަށް 11،154 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އިރު، މި މީހުންގެ ތެރޭގައި ހިމެނެނީ 7،138 ދިވެހިންނާއި 4،016 ބިދޭސީންނެވެ. މި ބަލި ޖެހިގެން މިހާތަނަށް ރަނގަޅުވެފައި ވަނީ 9،995 މީހުންނެވެ.